ކޯޓަށް ހުށަހެޅޭ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުހަލާގައި ދައުލަތުގެ ވަޒީފާތަކުން ވަކިކޮށްފައިވާ މައްސަލަތަކުގައި އަމަލުކޮށްފައި ވަނީ ޝަރީއަތުގެ އާންމު އިޖުރާއަތާއި ކޯޓުތަކުން ނިންމާފައިވާ އެފަދަ މައްސަލަތަކުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން އެހެން ބުނެފައި މިވަނީ, ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދޭން ޖެހޭ ނިޒާމުގެ ނަޒާހަތްތެރިކަމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނެރުނު ހުދުކަރުދާހުގައި ބުނެފައިވާ ވާހަކަތަކަށް ރައްދު ދެމުންނެވެ.

އޭސީސީން ނެރުނު ހުދުކަރުދާސް, ވޮލިއުމް 5 އަދަދު 1 ގައި އެ ކޮމިޝަނުން ދިރާސާގެ ބޭނުމަށް ބަލައިލެވުނު ކޭސްތަކުން ފާހަގަކުރެވުނު މައިގަނޑު ނުވަ މައްސަލައެއް ބުނެފައިވެއެވެ.

އެ މައްސަލަތަކުގެ ތެރެއިން މައްސަލަ 8 އަދި 9 ގައި ބުނެފައި ވަނީ ގެއްލުމުގެ އަގު ކުރުމުގެ ގޮތުން ހަދަން ޖެހޭ އެސެސްމަންޓް ނުހެދުން ނުވަތަ އެސެސްމަންޓް ހެދުމަށް ބޭނުންވާނެ ގައިޑްލައިނެއް ހެދިފައި ނެތުމާއި ގެއްލުމެއް ލިބިދާނެ ކަމަށް ލިޔުމުން އަންދާޒާކުރެވިފައި ނެތުމެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި އެ ދެ މައްސަލައަށް ރައްދު ދެމުން ބުނެފައި ވަނީ, ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުގެ ވަޒީފާތަކުން ކުރީގެ ސަރުކާރުން ވަކިކޮށްފައިވާ 19 މައްސަލައެއް ކޯޓުން ބޭރުގައި ހައްލުކޮށްފައި ވާނެ ކަމަށެވެ. އަދި އެ މައްސަލަތަކުގައި އަމަލުކޮށްފައިވަނީ ޝަރީއަތުގެ އާންމު އިޖުރާއަތާއި ކޯޓުތަކުން ނިންމާފައިވާ އެފަދަ މައްސަލަތަކުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ބުނެފައިވެއެވެ.

އެގޮތުން ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަތަކުގައި އެއްވެސް ސަބަބެއް ނެތި މީހަކު ވަޒީފާއިން ވަކި ކޮށްފައިވާ ކަން ކަމާބެހޭ އޮފީހަކުން ފޮނުވާ ލިޔެކިޔުންތަކުން އެނގެން އޮތް ނަމަ, އެފަދަ މައްސަލައެއް ޝަރީއަތުގެ ތިން މަރުހަލާއިން ނިންމުމުގެ ބަދަލުގައި ގާނޫނުއަސާސީގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާ ވާން ވާނެ ކަމަށް ބުނެފައިވާ އުސޫލަށް ބަލައި, ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި ވަޒީފާގެ މައްސަލަތައް ހައްލުކޮށްފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.

ރައީސް އޮފީހުން ބުނީ, އެފަދަ މައްސަލަތަކުގައި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށް, އެކަމަށް ހައްލު ހޯދުމަށް ކޯޓަށް ހުށަހެޅުމަށް ފާއިތުވި މުއްދަތަށާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި ސަރުކާރުގެ މަސްލަހަތަށާއި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ޓަކައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނެ އަދަދަކީ، އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ކަމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މި މިންވަރަށް ބަދަލުގެ މިންވަރު ކަނޑައަޅާފައި ވާނީ ނުހައްގުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ބައިނަލްއަގުވާމީ މުޖުތަމައުތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމަށް ބަލާ މިންގަނޑުތަކާއި އަދި އެއް އަހަރު ދުވަހަކީ އެހެން ވަޒީފާއެއް ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ބަލައިގެން ކަމަށް ވެސް ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ އެ އުސޫލަށް ދައުލަތުން އަމަލުކުރަން ފެށި ފަހުން، ނުހައްގުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި އެންމެ ގިނަވެގެން ނަގައިދެވިދާނޭ މިންވަރަކީ އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތް ކަމަށެވެ.

އޭގެ އިތުރުން ދައުލަތަށް ރައްދުވާ ގޮތަށް އިތުރު ދައުވާއެއް ނުކުރުމަށް އިގުރާރު ވެ އަދި ނުވަތަ ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކޮށް, ނިންމާފައިވާނެ ކަމަށާއި އަދި އެފަދައިން މައްސަލަ ހައްލުކުރަން ބޭނުންވާ ފަރާތްތަކުގެ މައްސަލަތައް ނިންމަނީ ޝަރީއަތުގެ މަރުހަލާއިންކަންވެސް ފާހަގަކޮށްފައިވެ އެވެ.

ރައީސް އޮފީހުން ބުނީ, ނުހައްގުން ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މައްސަލަތަކުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފައިވާ 19 ފަރާތަކަށް 6.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި ސިވިލް ކޯޓުގެ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޑިސްޕިއުޓް މަރުހަލާގައި އެ މައްސަލަތައް ހައްލުކޮށް އެފަރާތްތަކަށް ދިނުމަށް ދައުލަތުން ހުށަހަޅައި އެއްބަސްވި އަދަދަކީ ޝަރުއީ މަރުހަލާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުސަތު އޮތް މިންވަރަށްވުރެ ވަރަށް ބޮޑުތަނުން ކުޑަ މިންވަރެއް ކަމަށްވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.