ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން، ނަން އަނބުރާ ނެގުމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އަންގަވަމުން ގެންދަވާ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ތުހުމަތުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، މިމަހުގެ 25 ގައި ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާއަށް ކުރިމަތިލާފައިވާ ބައެއް ފަރާތްތަކަށް ނަން އަނބުރާ ނެގުމަށް އަންގަނީ އެ މިނިސްޓްރީގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކައިގެން ކަމަށެވެ.

މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނަކީ ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސެވެ.

އެކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ، އެމްޑީޕީގެ މެންބަރަކަށް ނުވާއިރު އެގޮތަށް ވަޒީފާގެ ބިރު ދެއްކުމަކީ ހިންގާ ވަރަށް މުޑުދާރު އަމަލެއް ކަމަށެވެ.

ވަހީދު ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ އިންސާފު ގާއިމުކުރުމާއި ތަފާތުކުރުންތައް ނައްތާލުމާއި ވަޒީފާގެ ބިރު ނުދައްކައި ރަށްރަށާއި ދާއިރާ އާއި އާއިލާތަކުގެ މެދުގައި ތަފާތުކުރުން ނުބޭއްވުމަށް ވައުދުވެގެން ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ދައުލަތުގެ ކުންފުނިތަކުގެ ވެރިން ހަރަކާތްތެރިވެގެންދިޔަ މިންވަރު އެނގިގެންދާ ކަމަށާއި، ބަޖެޓުގައި ނެތް ކަންކަން މިލިޔަން ބިލިޔަނުން ކުރަން ފެށިތަން ފެނިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.