ކޯޓުގެ މުގައްދަސްކަން ދަމަހައްޓައިފިނަމަ ގިނަ ބަޔަކު ކޯޓުތަކަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

ކުރިމިނަލް ކޯޓާއި މެޖިސްްޓްރޭޓް ކޯޓުތަކެއްގެ ފަނޑިޔާރުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން ހުކުމް ކުރާއިރު، އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން އަންނަ ގޮތަށް ހުކުމް ކޮށްގެން ނުވާނެ ކަމަށެވެ. ހައްގުތައް ކަށަވަރު ކޮށްދިނުމަކީ މިއަދު ކޮންމެ ފަނޑިޔާރެއްގެ ވާޖިބަކާއި ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުގައި އަދި ކޯޓުން ބޭރުގައިވެސް އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކޯޓުގެ މުގައްދަސުކަން ނެގެހެއްޓޭނެ އެންމެހައި ގޮތްތަކުގެ މަތީގައި ފަނޑިޔާރުން ސާބިތުވެ ތިބުން މުހިންމު ކަމަށެވެ.

"މިގޮތަށް މި އަމަލުތައް ބަހައްޓައި ކޯޓުގެ މުގައްދަސްކަން ދަމަހައްޓައިފިނަމަ ގިނަ ބަޔަކު މި ކޯޓަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މައްސަލަތަކުގައި ހުކުމާ ހަމައަށް ވާސިލުވާން ވާނީ ކެތްތެރިކަމާއެކު ވަކީލުންނާއި ހަސުމުންގެ ވާހަކަތައް ރަނގަޅަށް އަޑުއަހައި، ކޯޓުގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ހުކުމްތައް ލިޔުމުގައި އެހެން މީހުންގެ ހިޔާލު ހޯދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އަދުލު އިންސާފު ގާއިމުކުރުމުގެ ޒިންމާއަކީ އުޑުގެ ބަރުމިނާ އެއްވަރުގެ ޒިންމާއެއްކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ތެދުވެރިވެ، ހަސްމުންގެ ދެމެދުގައި ތަފާތުނުކޮށް، ހުކުމް ކުރުމުގައި ދެމިތިބެންޖެހޭ ކަމަށެވެ. އަދި އަލަށް އިންތިހާބުވާ ފަނޑިޔާރުން ގާނޫނުއަސާސީއާއި ގާނޫނުތައް ފުރިހަމައަށް ނަގަހައްޓަން ޖެހޭނެ ކަމަށެވެ.

އަދި މަތީ ކޯޓުތަކުގެ ގައިޑްލައިންތަކާއި ގަޒިއްޔާތަކަށް ދަށު ކޯޓުތަކުން އަމަލުކުރުން މުހިންމު ކަމަށާއި އެކަމުގެ ސަބަބުން ހުކުމް ކުރުމުގައި ހުރި ތަފާތުވުންތައް ނައްތާލެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.