ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ވަރަށް ގިނަ ބޭފުޅުން ފޯމު ހުށަހަޅުއްވާފައިވާތީ، ޖުމުހޫރީ ދުވަހާއި ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހު މި އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް ސޯލިހު މިގޮތަށް ނިންމެވީ، ގައުމީ އިނާމާބެހޭ ކޮމިޓީއާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި، ގައުމީ އިނާމާއި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާބެހޭ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަވާގޮތާ ބެހޭގޮތުން ކޮމިޓީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.
ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ފޯމު ހުށަހެޅުމުގެ މުއްދަތު، މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ޖުމުލަ 270 ބޭފުޅަކު ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ. ގައުމީ އިނާމަށް މިއަހަރު 72 ބޭފުޅަކު ފޯމު ހުށަހަޅުއްވާފައިވާ ކަމަށްވެސް ބުންޏެވެ.
ގައުމީ އިނާމާބެހޭ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މިހާ ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލެއްވި ކަމަށް ޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިކަމާގުޅޭ ގޮތުން ކޮމިޓީގެ ހިޔާލު ހޯއްދެވުމަށްފަހު، އެއް ޖަލްސާއެއްގައި އެހާ ގިނަ އަދަދެއްގެ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ، ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.
ކޮމިޓީގެ ޗެއާޕާސަން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ވިދާޅުވީ ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް މިހާރު ނިމުމަކާ ހިސާބަށް އައިސްފައިވާ ކަމަށެވެ. އަދި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ފުރުސަތު ހުޅުވާލި ފުރަތަމަފަހަރު ކަމަށްވާތީ، ފޯމު ފުރިހަމަކުރެއްވުމުގައި ބައެއް ބޭފުޅުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވިކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
އެގޮތުން ފޯމާއެކު ހުށަހަޅަން ޖެހޭ ބައެއް ލިޔެކިޔުންތައް އެބޭފުޅުންނަށް ހުށަހެޅިފައި ނުވާތީ އާއި ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ، މިފަދަ އިނާމެއް ލިބިވަޑައިގަތުން ހައްގު، ގިނަ ބޭފުޅުން ތިއްބެވުމާއެކު، ފޯމުގައި ހިމެނޭ އެކި ބައިތަކާ ގުޅޭ ގޮތުން އިތުރަށް ހޯދަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުއްވުމަށް އެބޭފުޅުންނަށް އިތުރު ފުރުސަތެއް ދެއްވަން ކޮމިޓީން ނިންމެވީ ކަމުގައިވެސް އަނީސާ ވިދާޅުވި އެވެ.
ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަ ނުވާ ފޯމުތަކާ ގުޅޭގޮތުން އިނާމާބެހޭ ކޮމިޓީން އެ މުއައްސަސާތަކާއި އަދި އަމިއްލަ ގޮތުން ނަން ހުށަހެޅި ބޭފުޅުންނާ ކޮމިޓީން އެކަންކަން ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު