އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް މިއަދު އާންމުކޮށް ޝަކުވާ އަށް ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ވެބްސައިޓުގައި މިއަދު އާންމުކޮށްފައިވާ ލިސްޓުގައި ނަން ހިމެނިފައި ނުވާ އެއްވެސް ފަރާތަކަށް އިންތިހާބުގައި ވޯޓު ނުލެވޭނެ ކަމަށެވެ. އެހެންކަމުން އެ ޕާޓީން ވަނީ ވޯޓުލާން ދިއުމުގެ ކުރިން ދާއިމީ ލިސްޓުގައި ނަން އޮތްތޯ ބަލައި ޗެކް ކުރުމަށްވެސް އެދިފައެވެ.

އެ ލިސްޓްގައި ނަން އޮތްތޯ ބެލުމަށް މޯބައިލް ފޯނުން މެސެޖެއް ކުރުމުން ބެލޭނެ އިންތިޒާމް ޕާޓީން ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މެސެޖު ފޮނުވާނީ MDP(space)IDnumber ޖެހުމަށްފަހު 637 އަށެވެ.

އެމްޑީޕީން ވަނީ ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ 12:00ގެ ނިޔަލަށް ހުޅުވާލައިފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުއެވެ. އެ އިންތިހާބު ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް މެއި ހަ ވަނަ ދުވަހު ރައީސް މުހަައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިންތިހާބު ވަނީ ފަސްކޮށްފައެވެ.

ދާއިރާތަކުގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާއިރު، އެ އިންތިހާބުގައި 730 ކެނޑިޑޭޓުން ވާދަކުރެއެވެ. ދާއިރާތަކަށް ހޮވޭ ކެންޑިޑޭޓުން ހިމެނޭނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައެވެ. އެ މަޖިލީހުގައި 142 މެމްބަރުން ހިމެނެއެވެ.

އެމްޓީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި 900 މީހުން ހަރަކާތްތެރިވާއިރު 300 ވޯޓު ފޮށި ބަހައްޓާނެއެވެ.