ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށް ގެންދާނީ ހުޅުމާލޭ ސެންޓްރޯ މޯލްގައި ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ، ހިޔާ އެގްރީމެންޓްގައި ސޮއިކުރުމުގެ ކަންކަން ދެން ކުރިއަށް ގެންދާނީ ސެންޓްރޯ މޯލްގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ.

މީގެ ކުރިން ހިޔާ އެގްރީމެންޓްގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ހުރަވީ ސްކޫލުގައެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި ފްލެޓް އެއްބަސްވުމުންތަކުގައި 85 ޕަސެންޓް މީހުން މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެޗްޑީސީން އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ގައެވެ. އީދު ބަންދަށް މެދުކަނޑާލުމަށްފަހު، އަލުން ސޮއިކުރަން ފަށާފައި ވަނީ، ޖުލައި 15 އިން ފެށިގެންނެވެ. އޭގެ ފަހުން އެޗްޑީސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލުމަށްފަހު އަލުން ފަށާފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުން 6,720 ފަރާތަކަށް ފްލެޓްދޭން ވަނީ ނިންމައިފައެވެ.

ފުލެޓްތަަކަށް ކަރަންޓާއި ފެނުގެ ހިދުމަތް ދީ ނިންމާފައިވާއިރު ބައެއް ފްލެޓްތަކުގައި މީހުން ވަނީ ދިރިއުޅެންވެސް ފަށައިފައެވެ.