ރ. އަތޮޅު ފުއްސަރު ފަޅުގައި އެއާޕޯޓް އަޅަން އެއަތޮޅު މަޑުއްވަރީ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފިއެވެ.
ރައީސް މިއަދު ވަނީ މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލުން ވަނީ ރައްޔިތުން ބޭނުންވާ ގިނަ ކަންކަން ރައީސަށް ހުށަހަޅައިފައެވެ.
އެގޮތުން ކައުންސިލުން އެދުނީ ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަށެވެ.
ފުރައްސަރު ފަޅުގައި އެއާޕޯޓް އެޅުމަށް އެދޭ ކަމަށާއި އެއީ އަތޮޅަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވެސް މަޑުއްވަރީ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ ރަށުގެ ބިންފުރުމާ ގުޅިގެން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށާއި ރަށުގެ އުތުރު ފަރާތުގެ ބަނދަރު މަރާމާތް ކުރުމުގެ އިތުރުން ދެކުނުފަރާތު ބަނދަރުގެ ބޭރު ތޮށި ބޭނުން ކުރެވޭނެ ގޮތް ހެދައިދިނުމަށްވެސް ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށާއި އައިސް ޕްލާންޓް ބޭނުންކުރުމުގައި ދިމާވާ މައްސަލައިގެ އިތުރުން، ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި މަޑުއްވަރީގެ އިހުތިސާސްގެ ތެރެއަށް އުފުލަންދޫ އިތުރުކުރުމަށްވެސް ކައުންސިލުން ހުށަހެޅިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ މަޑުއްވަރީގައި ކުރިޔަށްގެންދާ މަޝްރޫއުތަކާ ބެހޭ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައިއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން ސަރުކާރުން ކޮށްދެވެން އޮތް ކަންކަމަކީ ކޮބައިތޯ ބައްލަވައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައިއެވެ.
މަޑުއްވަރީ ކައުންސިލުން، ފުއްސަރު ފަޅުގައި އެއާޕޯޓް އަޅަން އެދުނުއިރު، އަލިފުށީގައި އެއާޕޯޓެއް އެޅުމަށް މިމަހުގެ އެއް ވަނަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަޝްރޫއަކީ 451 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މީގެ ކުރިން އެއަތޮޅު ދެކުނުގައި އެއާޕޯޓެއް އަޅަން މި ސަރުކާރުން ނިންމުމަށްފަހު، އަލިފުށީގައި އެއާޕޯޓެއް އަޅަން ހަވާލު ކުރުމާއި ގުޅިގެން، އެއަތޮޅު އެހެން ރަށްރަށުގެ ރައްޔިތުން ދަނީ އެކަމާމެދު ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ވެސް ރ. އަތޮޅުގައި އެއާޕޯޓެއް އަޅަން ނިންމިއެވެ. އެފަހަރު އެއާޕޯޓް އަޅަން ނިންމީ ރ. ފައިނުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު