ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫއުގެ މަސައްކަތުގެ ދަށުން އެއާޕޯޓް ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔާ ޕެޑް އަދި ފަޔާ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

އޭގެ އިތުރުން އެއާޕޯޓް ފަޔާ ބިލްޑިންގެ ކޮންކްރީޓް މަސައްކަތުގެ 58 ޕަސެންޓް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޓާމިނަލް ބިލްޑިންގެ ކޮލަމް މަސައްކަތް ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑް އިމާރާތް ކުރުން ހިމެނެއެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، މިދިޔަ ނޮވެމްބަރު މަސް ތެރޭގައި 144.8 މިލިއަން ރުފިޔާ އަށެވެ. އެމަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 600 ދުވަސް ތެރޭގައެވެ.