ވިލިމާލެ އާއި ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލާ މަރުކަޒުތަކުގައި ކަންތައްތައް ހިނގަމުންދާގޮތް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސިޓީއަކުން އެކަންތައްތައް ބަލައި ދިނުމަށް އެދި ހުށަހެޅުއްވީ، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ.
ހަސަން ޒަރީރު ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ މަރުކަޒުގައި އަލިފާނުގެ ހާދިސާތަކެއް މީގެ ކުރިން ހިނގާފައިވާ ކަމަށެވެ. އަދި އެތަނުގައި އުޅޭ ކުދިން ރަނގަޅަށް ނުބެލެހެއްޓޭ ކަމުގެ ޝަކުވާ އާއި ކުދިން އެތަނުން ފިލައިގެންދާ ކަމުގެ ޝަކުވާތަކެއް ލިބެމުންދާތީ އެކަން ބަލައި އެތަނުގެ ތެދު މައުލޫމާތު މަޖިލީހުން ހޯދައިދިނުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒުން ކުދިންތަކެއް ރޯއަޑު އިވިގެން ރައްޔިތުންތަކެއް އެތަނަށް އެއްވި މައްސަލައިގައި ކަން ހިނގާދިޔަގޮތް ބަލައި ދިނުމަށްވެސް އެ ސިޓީގައި އެދިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބުދުﷲ ވަނީ އެ ސިޓީގައިވާ ކަންތައްތައް ބަލައި ދިނުމަށްޓަކައި އެސިޓީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.
ހުޅުމާލޭގައި ހުންނަ ފިޔަވަތިން ރޭ ދަންވަރު ކުދިންތަކެއް ރޯ އަޑު އިވުނު މައްސަލައިގައި ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ، އެއީ އެއްވެސް ކުއްޖަކަށް އަނިޔާއެއް ވެގެން ހިނގި ކަމެއްނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު