ޓޫރިޒަމް މިނިސްޓަރު ކަމުގައި އަހުމަދު އަދީބު ހުންނެވިއިރު އޭނާ އަތުން ނެގި ދޮޅު ލައްކަ ޑޮލަރުން، އަހުމަދު ނިހާން ހުސައިން މަނިކަށް ހުޅުމާލޭ ޕްލެޓިނަމް ރެސިޑެންޓުން ފުލެޓު ގެނެދީފައި ވަނީ ޖޭ ހޮޓެލްސް އިން ކަމަށް ދައުލަތުން މިއަދު ބުނެފިއެވެ.
ނިހާނުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ ތެރެއިން ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ އަދީބު އަތުން ހޯދި 150،000 ޑޮލަރުން، ހުޅުމާލޭގައި ހުންނަ ޕްލެޓިނަމް ފްލެޓުން ގަތް އެޕާޓްމެންޓް ނިހާނަށް ލިބިފައިވާތީ ކަމަށް ކުރިމިނަލް ކޯޓުގައި ދައުލަތުގެ ވަކީލުން މިއަދު ވަނީ ބުނެފައެވެ.
އޭރުގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން، ދޮޅު ލައްކަ ޑޮލަރު ހޯދުމަށް އަދީބު އަރިހުގައި ދެންނެވި ކަމަށްވެސް ދައުލަތުން ބުންޏެވެ.
އެގޮތުން ދޮޅު ލައްކަ ޑޮލަރުގެ ޗެކު ތައްޔާރުކޮށްފައި ވަނީ ނިހާނުގެ ބޭބެ ނަމުގައިކަން ފާހަގަކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ، ބޭންކް އޮފް ސިލޯން މެދުވެރިކޮށް އެ ޗެކަށްވާ ފައިސާ ފޮނުވާފައި ވަނީ ޖޭ ހޮޓެލްސް ކުންފުނީގެ އެކައުންޓަށް ކަމަށެވެ. އަދި ޖޭ ހޮޓަލްސް އިން، ހުޅުމާލޭގައި ހުންނަ ޕްލެޓިނަމް އިން ގަނެފައިވާ ފުލެޓް ދީފައި ވަނީ ނިހާނަށް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ފުލެޓް ގަނެފައި ވަނީ 1.9 މިލިއަން ރުފިޔާއަށް ކަމަށްވެސް ދައުލަތުން ބުންޏެވެ.
ނަމަވެސް އެ ދެ ދައުވާއަށް ނިހާން ވަނީ އިންކާރުކޮށްފައެވެ. ނިހާނުގެ ފަރާތުން އޭނާގެ ވަކީލް ހުސްނީ މުބާރަކް ވިދާޅުވީ، ބޭންކު ރޭޓުން ބެލި ނަމަވެސް ދޮޅު ލައްކަ ޑޮލަރު މާރުކުރުމުން އެއް މިލިއަން ނުވަ ލައްކަ ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށެވެ. އަދި އެ ދައުވާގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރިކަންވެސް އޭނާ ފާހަގަކުރިއެވެ.
ދައުލަތުން ބުނީ، ދޮޅު ލައްކަ ޑޮލަރުގެ އިތުރުން އެހެން ފަހަރެއްގައި އަދީބު އަތުން ހަ ލައްކަ ފަންސާސް ހަސް ރުފިޔާވެސް ނިހާން ނެގި ކަމަށެވެ. އެ ފައިސާ ނިހާން ނެގީ، މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ހުންނެވި އިރު މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދީބު އަންގަވާ ގޮތަކަށް ކުރުމަށް ކަމަށް ބުންޏެވެ.
ނިހާންގެ މައްޗަށް ދައުލަތުން ވަނީ ހަ ދައުވާއެއް އުފުލައިފައެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި އެ މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށް ހޯދާފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައި ދިނުމަށްވެސް ވަނީ އެދިފައެވެ.
އެ ހުރިހާ ދައުވާތަކަކަށްވެސް މިއަދު ނިހާން ވަނީ އިންކާރުކޮށްފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކި ހުށަހެޅުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު