ހުޅުމާލޭގައި ހުންނަ ފިޔަވަތީން ރޭ ދަންވަރު ކުދިންތަކެއް ރޯ އަޑު އިވުނު ނަމަވެސް އެތަނުގެ އެއްވެސް ކުއްޖަކަށް އަނިޔާ ނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ފިޔަވަތީގައި ކުދީންތަކަކަށް އަނިޔާކުރާ ކަމުގެ އަޑުތަކެއް އިވޭތީ ކަމަށް ބުނެ، ބަޔަކު ވަނީ އެ އިމާރާތުގެ ކައިރިއަށް އެއްވެފައެވެ.

އެކަމާ ގުޅިގެން ޖެންޑާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ރޭގެ ވަގުތެއްގައި ހިނގި ހާދިސާ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެ މިނިސްޓްރީން ފިޔަވައްޗަށް ދިޔަ ކަމަށާއި ނަމަވެސް ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާވެފައި ނުވާ ކަމަށް ބުންޏެވެ.

ބަޔާނުގައި ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީ އެކުދިންގެ ދިރިއުޅުމުގެ މަރުހަލާތަކުގައި އެކި ބާވަތުގެ އަނިޔާ ލިބުމުގެ ސަބަބުން އެކަންކަމުގެ އަސަރު މުޅި ދިރިއުޅުމަށް ދެމިގެންދާ ފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ކުދިން ކަމަށެވެ. އަދި އެހެން ކުދިންނެކޭ އެއްފަދައިން އެ ކަންކަމަކީ އެ ކުދިންގެ ނަފުސާނީ ސިއްހަތާއި ގުޅިފައިވާ ކަންކަމަށްވާ އިރު އެ ކުދިންގެ އިހުސާސްތައް އެކި ގޮތް ގޮތަށް ބުނެދިނުމަށް މަސައްކަތްކުރާ ކަމަށް ބުންޏެވެ.

އަދި މިނިސްޓްރީގެ އަމާޒަކީ ރައްކާތެރިކަން ބޭނުންވާ ކުދިންނަށް އެފަދަ މާހައުލެއް ގާއިމުކޮށްދިނުން ކަމަށް ބުނެ، އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަމަލުތައް ނުކުރުމަށް ވަނީ އެދިފައެވެ.

ރޭގެ ހާދިސާގައި ކުދިންނަށް އަނިޔާއެއް ލިބޭ ފަދަ އަމަލެއް ފިޔަވަތީގެ މުވައްޒަފުން ކުރިތޯ "ވަން" އިން ތަކުރާރުކޮށް ސުވާލު ކުރުމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު އެކަން ދޮގުކޮށްފައެއް ނުވެއެވެ. އަދި ވިދާޅުވީ އެކަމާ ގުޅުން ހުރި ސެކްޝަނުން މައުލޫމާތު ލިބުނުހާ އަވަހަކަށް އެކަން ހިއްސާކުރާނެ ކަމަށެވެ.