ދުނިޔެ

މިޔަންމާގައި ސިފައިންނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފި

މިޔަންމާގައި ސިފައިންނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފިއެވެ.

މިޔަންމާގައި ވަނީ ފެބުރުއަރީ 1 ވަނަ ދުވަހު ސިފައިން ބަގާވާތެއް ކޮށް ވެރިކަން ވައްޓާލައިފައެވެ. އެގައުމުގެ ނެޝަނަލް ޔުނިޓީ ސަރުކާރުގެ ރައީސް ދުވާ ލަޝީ ލާ އިއްޔެ ކުރެއްވި ފޭސްބުކް ވީޑިއޯއެއްގައި ވަނީ ރައްޔިތުންގެ ދިފާއުގައި ހަނގުރާމަ ކުރުމަށް ގޮވާލާފައެވެ.

''ގައުމުގެ ރައްޔިތުންގެ ފުރާނަ އާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސިފައިންނާ ދެކޮޅަށް ނެޝަނަލް ޔުނިޓީ ސަރުކާރުން ރައްޔިތުންގެ ދިފާއުގައި ހަނގުރާމަ އިއުލާނުކުރަން'' އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އޭނާގެ ވާހަކައިގައި ވިދާޅުވެފައި ވަނީ މިޔަންމާގެ އެންމެހާ ރައްޔިތުން ގުޅިގެން އިންގިލާބެއް ގެންނަން ޖެހޭ ކަމަށާއި، މިން އޯންގް ލައިންގް އިސްވެ ހުރެ ގައުމުގައި ހަރަކާތްތެރިވަމުން އަންނަ އަސްކަރީ ނިރުބަވެރިންނާ ދެކޮޅަށް ގައުމުގެ ހުރިހާ ކަންކޮޅެއްގައިވެސް ރައްޔިތުން ހަޅުތާލު ކުރަން ޖެހޭ ކަމަށެވެ.

ސިފައިންގެ އިސް ޖެނެރަލް މިން އޯންގް ލައިންގް ވަނީ ކުރިން އިންތިހާބުވި އާންގް ސަން ސޫ ކީގެ ބާރުތައް ނިގުޅައިގަނެ މަގާމުން ދުރުކޮށްފައެވެ. އަދި އެކަމާ ދެކޮޅަށް އެ ގައުމުގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލުކުރުމަށް މީގެ ކުރިން ސިފައިން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އޭރު ހިނގި ހަމަނުޖެހުންތަކުގައި 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ގިނަ އަދަދެއްގެ މީހުން ވަނީ ހިފައި ހައްޔަރުކޮށްފައެވެ.

މިކަމުގެ ސަބަބުން އެގައުމުގައި ވަނީ ޕީޕަލް ޑިފެންސް ފޯސް (ޕީޑީއެފް)ގެ ނަމުގައި ހަނގުރާމަވެރި ޖަމާއަތެއް އުފެދިފައެވެ.