މިދިޔަ އަހަރުގެ "ރެހެންދި އެވޯޑް" ހަތް ބޭފުޅަކަށް ދީފިއެވެ.

ކޮވިޑާ ގުޅިގެން ރެހެންދި އެވޯޑް ދިނުމުގެ ޖަލްސާ މިދިޔަ އަހަރު ބާއްވައިފައެއް ނުވެއެވެ. އެހެންވެ، މިދިޔަ އަހަރު އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވާފައިވަނީ، މިރޭ ރެހެންދި ސްކޫލުގައި ބޭއްވި އެވޯޑް ދިނުމުގެ ޖަލްސާގައެވެ.

އެ ޖަލްސާގައި އެބޭފުޅުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

  • ފާތިމަތު އިބްރާހިމް، ކާނިމާގެ، ޅ. ހިންނަވަރު - އިޖުތިމާއީ ދާއިރާ
  • އަލްއުސްތާޒާ މަރްޔަމް ޝުނާނާ، ހ. ވެލަސްފަރުގެ - އިޖުތިމާއީ ދާއިރާ
  • ހައްވާ ލަތީފް، ހުޅުމާލެ ފްލެޓް 10-3-01 - އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
  • އާމިނަތު އަމީނާ، ހަނދުވަރީގެ، ލ. ކުނަހަންދޫ - އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
  • ޝިފްޒާ މުސްތަފާ، އާސާނު، ޏ. ފުވައްމުލައް - އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
  • އާއިޝަތު ހުސައިން މަނިކު، ހ. ރީނދޫކޮކާގެ - އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
  • މިންހާ ފާއިޒު ރަޝާދު، ހުޅުމާލެ ފްލެޓް 99-1-02 - އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ

ރެހެންދި އެވޯޑު ލިބިވަޑައިގެންނެވި އެއް ބޭފުޅަކީ "ވަން އޮންލައިން"ގެ ޗެއާޕާސަން މިންހާ ފާއިޒު ރަޝާދު (މިންނު) އެވެ. މީޑިއާގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން މިންނު އަކީ ފާހަގަކޮށްލެވޭ ޒުވާން ކަނބެލެކެވެ. އެގޮތުން މިންނު ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް މީޑިއާ ކަމަށްވާ ސަން މީޑިއާ ގުރޫޕުގައި ނުވަ އަހަރު ހޭދަ ކުރައްވައި، ސަން މީޑިއާ ގުރޫޕްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމު އަދާކުރައްވައިފައެވެ.

އޭގެ އިތުރުން ސަން އިން ކޮންމެ މަހަކު އެއް ފަހަރު ނެރޭ ޓްރެވަލް ޓޫރިޒަމް މެގަޒިން، މޯލްޑިވް އައިލެންޑްސްގެ މެނޭޖިން އެޑިޓަރުކަމާއި ސަން މެގަޒިންގެ އެސިސްޓެންޓް އެޑިޓަރުކަން ވެސް މިންނު ކުރައްވައިފައިވެއެވެ.

އެއް ފައުންޑަރުގެ ގޮތުގައި، މިންނު "ވަން އޮންލައިން" ފެއްޓެވީ އެންމެ ދެ މުވައްޒަފުންނާއެކު 2018 ވަނަ އަހަރުއެވެ. މިހާރު ވަން މީޑިއާ ގުރޫޕު އުފައްދައި އެ މީޑިއާ ގުރޫޕުގެ ދަށަށް ވަން އޮންލައިން ހިންގަމުން އަންނަ އިރު، މި ގުރޫޕުގެ ކުޑައިގެ ދަށުން އިތުރު ތިން ޕްރޮޑަކްޓެއް އުފައްދައި، 25 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ހުރިހައި މުވައްޒަފުންނަކީ ވެސް ދިވެހީންނެވެ. ދިވެހި ބަހުންނާއި އިނގެރޭސި ބަހުން ވަން އޮންލައިންގެ ދެ އެޑިޝަން ހިންގަމުން އަންނަ އިރު މި ނޫހަކީ މިހާރު ރާއްޖޭގައި ގައުމީ ފެންވަރުގައި ނެރޭ ނޫސްތަކުގެ ތެރެއިން އެންމެ ތާޒާކަމާ އެކު ހަބަރާއި މައުލޫމާތު ގެނެސްދޭ އެއް ނޫހެވެ.

މީޑިއާ ކެރިއަރުގެ އިތުރުން މިންނު އަކީ 2017 ވަނަ އަހަރުން ފެށިގެން ގްލޯބަލް ބްރޭންޑް، ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް)ގެ ރައީސާއެވެ. އަދި ބިޒްނަސް މެނޭޖްމަންޓާއި ފެޝަން ޑިޒައިންގެ ދާއިރާއިން ވެސް މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި މިންނު ގެންދަވަނީ ނޫހުގެ އިތުރުން އަމިއްލަ ވިޔަފާރިއެއް ވެސް ހިންގަވަމުންނެވެ. އެއީ 2011 ވަނަ އަހަރު ފެށި ބުޓީކް ކްލޯޓިން ފިހާރަ "ޑްރީމްސް ބައި މިންނު" އެވެ.

އޭގެ އިތުރުން ސްކޫލް ދުވަސްވަރު ލިޓިލް މެއިޑް އަދި ގާލްގައިޑުން ހުނަރުތައް ހާސިލުކުރައްވާފައިވާ މިންނު އަކީ މިއަދު މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމްއެސްޖީއެފް)ގެ ބޯޑު މެމްބަރެކެވެ. އަދި ބައިކް މޯލްޑިވްސް، ރީޖަނަލް އެލަޔަންސް ފޮ ފޮސްޓެރިން ޔޫތު (ރަފީ) އަދި އައްޑޫ ވިމެންސް އެސޯސިއޭޝަނުގައި ޕީއާރު މާކެޓިން އަދި މީޑިއާގެ މަސައްކަތްތަކުގައި އަމިއްލަ ގޮތުން މިންނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މިންނު އަކީ މީޑިއާގައި މިންތީގެ ހަމަހަމަ ކަމަށް "ބިލްޑިން އަ ޖެންޑާޑް މީޑިއާ އިން ސައުތު އޭޝިއާ"ގެ ނަމުގައި ސާކުގެ ހުރިހާ ގައުމުތަކަށް ހިންގާ މެގަ ޕްރޮޖެކްޓް، ޔުނެސްކޯ ސްވޯން ޕްރޮޖެކްޓުގެ ވެސް ބޯޑު މެންބަރެކެވެ. އަދި އެ ޕްރޮޖެކްޓްގެ ރިސާޗު ހެދުމުގައި މިންނުވަނީ އަމަލީ ގޮތުން ބައިވެރިވެ ސާކު ގައުމުތަކަށް އެ ހުށަހަޅައިދީފައެވެ. އޭގެ އިތުރުން ކޮވިޑަށް ހޭލުންތެރިކުރުވުމަށް ދިވެހި މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ސްޓިއަރިން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ވެސް މިންނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މީޑިއާއާ ގުޅޭ ދާއިރާތަކުން މިންނު ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ހާސިލުކުރައްވައިފައެވެ. އެގޮތުން 2015 ވަނަ އަހަރު ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓް އޮފް މާސް ކޮމިއުނިކޭޝަންގެ ސީނިއާ މެންބަރުކަމުގެ އެވޯޑް ކޮށްފައިވާ އިރު، 2016 ވަނަ އަހަރު ވިމެން އޮން ބޯޑްސް ޑިސްޓިކްޝަން އަދި އެވޯޑް ފޮ ބެސްޓް ޔަންގް ޕްރޮފެޝަނަލްގެ އެވޯޑު ވެސް މިންނުއަށް ވަނީ ލިބިވަޑައިގެންފައިވެއެވެ.

މިންނު އަށް ވަނީ 2018 ވަނަ އަހަރު އިންޓަނޭޝަނަލް ޔޫތު ކޮމިޓީން ދޭ "އޭޝިއާ ޔޫތު އިންސްޕިރޭޝަނަލް އެވޯޑް އިން ވިމެން އެމްޕަވަމަންޓް" އެވޯޑާއި ރަފީ އެންޖީއޯ އިން "ޔޫތު ޑިވެލޮޕްމަންޓް ޗެމްޕިއަން އެވޯޑް" އަދި "އައުޓްސްޓޭންޑިން ޔޫތް ލީޑަރު"ގެ އެވޯޑް ވެސް ލިބިވަޑައިގެންފައިވެއެވެ.

މިންނު ވަނީ އޭނާގެ އެޑިޓަރުކަމުގެ ދަށުން، އަންހެނުންނަށް ހާއްސަ މަޖައްލާއެއްވެސް ރަޖިސްޓްރީކުރައްވައިފައެވެ. "ހިޔަލަ"ގެ ނަމުގައި ރަޖިސްޓްރީކުރައްވައިފައިވާ އެ މަޖައްލާގެ އެއް އަދަދު މިހާރު ވަނީ ނެރެފައެވެ.

ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ ގޮތުން އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ އިތުރުން، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދެމުން އަންނަ ހާއްސަ އެވޯޑެކެވެ.

މި އެވޯޑު ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި މި އެވޯޑު ދެއެވެ. މިދިޔަ އަހަރު ސަރުކާރުން ވަނީ މި އެވޯޑަށް ކުރިމަތިލުމަށް ފިރިހެނުންނަށްވެސް ފުރުސަތު ލިބޭ ގޮތަށް ކެޓަގަރީއެއް ހިމަނައިފައެވެ.