ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާ ކަސިޔާރު ފިކުރުތަކެއް އެބަ ދައުރުވާ ކަމަށާއި އެކަންކަން ހައްލުކުރެވޭނީ ވިސްނުން ބަދަލުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރެހެންދި އެވޯޑު ދިނުމަށް ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަތީ މަގާމުތައް ފުރުއްވާ، ވަރަށް ހިދުމަތްތެރި ވަރަށް ގާބިލު އަންހެން ބޭފުޅުން އެބަތިއްބެވި ކަމަށާއި ސަރުކާރުގެ މަގާމެއްގައި ނޫނަސް، މުޖުތަމައަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާ ވަރަށް ހުނަރުވެރި އަންހެން ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އަދި މިހާރު ފޯދެމުން އަންނަ ޒުވާން ޖީލުގައިވެސް، އެފަދަ އުންމީދީ ޒުވާން އަންހެން ބޭފުޅުންތަކެއް ތިއްބަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ނަމަވެސް އެފަދަ ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާ، ކަސިޔާރު ފިކުރުތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ ދައުރުވޭ. އިޖުތިމާއީ އަދި ގައުމީ ހިދުމަތަށް އަންހެނުން ނުކުތުމުން، އެކަމަށް ނުރުހުންވާ މަދު ބަޔަކު ނަމަވެސް އެބައުޅޭ. މިއިން ކޮންމެ ކަމަކީ ގާނޫނުން ހައްލުކުރެވޭނެ ކަންކަމެއް ނޫން. މިފަދަ ކަންކަން ހައްލުކުރެވޭނީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްގެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ސަރުކާރުގެ އަމާޒަކީ އަންހެނުންގެ ތަރައްގީއާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، އަންހެނުންނަށް ހައްގު މަގާމު ހޯދައިދިނުން ކަމަށާއި ސަރުކާރު އަބަދުވެސް އޮންނާނީ ދިވެހި އަންހެނުންނަށް ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، ދިވެހި އަންހެނުން ބާރުވެރިކުރުމުގައި އެހީތެރިވެދޭން ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ، އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވައި، ވަޒީފާގެ މާހައުލަށް އަންހެނުން ނުކުތުމަށް ބާރުއެޅުމަށް މިކުރާ މަސައްކަތަށް، ހުރިހާ ބޭފުޅުން ވެސް އެއްބާރުލުން ދެއްވައި، މިހާރު ފަހިވެފައި ހުރި ފުރުސަތުތަކުގެ ބޭނުން ހިއްޕަވަން ފައްޓަވާނެ ކަމަށް. ތިޔަ ބޭފުޅުންގެ ހިތްވަރަކީ ގައުމުގެ ކުރިއެރުންކަމުގައި ގަބޫލުކުރައްވައި، ކުރިއަށް ފިޔަވަޅު އަޅުއްވަންވީ ވަގުތު މިއޮތީ ޖެހިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގަޔާއި، ކަންކަމުގައި އަންހެނުން ބައިވެރިވުމުގައި އަދިވެސް ދަތިތަކެއް ނުވަތަ ހުރަސްތަކެއް އެބަހުރިކަން ގަބޫލުކުރަންޖެހޭ ކަމަށާއި އޭގެ ނަތީޖާއަކަށް ވެފައި މިއޮންނަނީ ގައުމީ ތަރައްގީގެ މުހިންމު ކަންކަމުގައި އަދިވެސް އެކަށީގެންވާ މިންވަރަށް އަންހެނުންނަށް ފުރުސަތު ނުލިބުން ކަމަށެވެ.