އަންހެނުންނަކީ ހަމައެކަނި މުޖުތަމައުގެ ދެބައިކުޅަ އެއްބައި ނޫން ކަމަށާއި އެއީ މުޅި އިންސާނިއްޔަތުގެ ވެސް ދެބައިކުޅަ އެއްބައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރެހެންދި އެވޯޑު ދިނުމަށް ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ލިބިދޭ އިތުރު ފުރުސަތުތަކުގެ އެހީގައި އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ވަރަކަށް މުޖުތަމައުގައި ހުރި އެފަދަ ވިސްނުންތަކާއި ގަބޫލުކުރުންތައް ބަދަލުވަމުން ދާނެ ކަމަށާއި އޭރުން ގައުމު ބިނާ ކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުވެ، ދެޖިންސުގެ ބައިވެރިވުން އެއް ހަމައެއްގައި ލިބެން ފަށާނެ ކަމަށެވެ.
"އަންހެނުންނަކީ ހަމައެކަނި މުޖުތަމައުގެ ދެބައިކުޅަ އެއްބައެއް ނޫން. އެއީ މުޅި އިންސާނިއްޔަތުގެ ވެސް ދެބައިކުޅަ އެއްބައި. އެއީ އާއިލާތައް އުފެދި ބިނާވެގެން އައުމުގެ ބިންގާ. އެއީ އަޅުގަނޑުމެންގެ އިގުތިސާދީ ހަރަކާތުގެ ވަރަށް މުހިންމު ބައިވެރިއެއް. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، އަންހެނުންގެ ހިތްވަރާއި އަންހެނުންގެ ބާރުވެރިކަން ވަރަށް ރަނގަޅަށް ވަޒަންކުރެވިއްޖެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަގީގަތުގައި ގައުމު ބިނާކުރުމުގައި މިހާރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ދިވެހި އަންހެނުން ކަމަށާއި ސަބަބަކީ ގައުމުގެ ތަރައްގީ އެބައެއްގެ އަތްމަތިން ބައްޓަންވެގެން އަންނަ ގައުމުގެ ޒުވާން ޖީލަށް، އެންމެ ޅަފަތުން ފެށިގެންވެސް އިލްމު އުނގަންނައިދިނުމުގައި، އެންމެ ގިނައީ އަންހެނުން ކަމަށްވާތީ ކަމަށެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާ ގާތްގަނޑަކަށް 78 އިންސައްތައަކީ އަންހެން ބޭފުޅުންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިފަދަ ހިދުމަތްތެރި އަދި މިފަދަ އަގުހުރި ބަޔަކު، އަޅުގަނޑުމެންގެ ގައުމީ ހިދުމަތުގެ ދާއިރާގައި ބައިވެރިވާ މިންވަރު އިތުރުނުކޮށް، އަޅުގަނޑުމެންނަށް ހަގީގީ ކުރިއެރުމެއް ނުހޯދޭނެކަން ޔަގީން. އަޅުގަނޑުމެން މިކުރާ މަސައްކަތުން، މާތް ﷲގެ ވާގިފުޅާއެކު، އެކަން ހާސިލުވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް. އެކަމަށް އިތުރު ހިތްވަރު ދިނުމަކީ ކުރަންޖެހޭ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވައި، ވަޒީފާގެ މާހައުލަށް އަންހެނުން ނުކުތުމަށް ބާރުއެޅުމަށް މިކުރާ މަސައްކަތަށް ހުރިހާ ބޭފުޅުން ވެސް އެއްބާރުލުން ދެއްވައި، މިހާރު ފަހިވެފައި ހުރި ފުރުސަތުތަކުގެ ބޭނުން ހިއްޕަވަން ފައްޓަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު