ކައުންސިލުތަކުގެ ޖާގަތަކެއް ގާނޫނުގެ ޒަރީއާއިން އަންހެނުންނަށް ކަށަވަރުކޮށްދިނުމަކީ ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް އެޅުނު ވަރަށް ބޮޑު ބާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރެހެންދި އެވޯޑު ދިނުމަށް ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ގާނޫނުގެ އަތުން އަންހެނުންގެ އަތުގައި ހިފައިގެން، މަގާމުތަކަށް ގެންގޮސްދިނުން ކަމަށެވެ.
"މިދެންނެވީ ލާމަރުކަޒީ ގާނޫނަށް އަޅުގަނޑުމެން ގެނައި މުހިންމު ބަދަލުގެ ވާހަކަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކައުންސިލުތަކުގެ ޖާގަތަކެއް ގާނޫނުގެ ޒަރީއާއިން އަންހެނުންނަށް ކަށަވަރުކޮށްދިނުމަކީ، ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް އެޅުނު ވަރަށް ބޮޑު ބާރެއް. މީގެ އިތުރުންވެސް، އަންހެނުން ބާރުވެރިކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް އަދިވެސް އެބަހުރިކަން އަޅުގަނޑު ގަބޫލުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގާނޫނަށް ގެނެވުނު އެ ބަދަލުގެ ނަތީޖާއަކަށްވީ އެއްވެސް ރަށެއް އެއްވެސް ސިޓީއެއް އިސްތިސްނާ ނުވެ، ކޮންމެ ކައުންސިލެއްގައި ވެސް މެންބަރުންގެ 33 އިންސައްތައަކީ އަންހެނުން ކަމުގައި ވެގެން ދިއުން ކަމަށާއި އެ ބަދަލާއެކު ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމުލަ 39.5 އިންސައްތަ ގޮނޑި އަންހެނުން ކާމިޔާބުކޮށްފައިވާ ކަމަށެވެ.
"މީގެ އިތުރުން، ގާނޫނީ ހައިސިއްޔަތު ލިބިގެން، އަދި މެންބަރުންނަށް ދައުލަތުގެ ބަޖެޓުން އުޖޫރަ ކަނޑައަޅައިގެން ރާއްޖޭގައި އިންތިހާބު ކުރި ފުރަތަމަ އަންހެނުންގެ ކޮމިޓީތައް ވެސް އުފެދިގެން އެދިޔައީ މިއަހަރުގެ ތެރޭގައި. މި ބަދަލުތަކުގެ ސަބަބުން، ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގަޔާއި ކަންކަން ނިންމުމުގައި، އަންހެނުންގެ ބައިވެރިވުން އަމަލީ ގޮތުން އިތުރުވެއްޖެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގަޔާއި، ކަންކަމުގައި އަންހެނުން ބައިވެރިވުމުގައި އަދިވެސް ދަތިތަކެއް ނުވަތަ ހުރަސްތަކެއް އެބަހުރިކަން ގަބޫލުކުރަންޖެހޭ ކަމަށާއި އޭގެ ނަތީޖާއަކަށް ވެފައި މިއޮންނަނީ ގައުމީ ތަރައްގީގެ މުހިންމު ކަންކަމުގައި އަދިވެސް އެކަށީގެންވާ މިންވަރަށް އަންހެނުންނަށް ފުރުސަތު ނުލިބުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު