ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ތެޔޮ ތާންގީއަކުން ތެޔޮ ލީކުވަމުންދާ ކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަ ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ދޮގުކޮށްފިއެވެ.

ވީއައިއޭގައި ހުންނަ ތެޔޮ ތާންގިއަކުން ތެޔޮ ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި އެ މައްސަލަ އެމްއޭސީއެލްއަށް ހިއްސާކޮށްފައިވާ ކަމަށެވެ.

ދައުރުކުރަމުންދާ ވިޑިއޯއާ ގުޅޭގޮތުން އެމްއޭސީއެލްގެ އިސް އޮފިޝަލު "ވަން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ، އެއީ ތެޔޮ ލީކުވަނީ ނޫން ކަމަށާއި މާގިނައިން ތެޔޮ އެޅުމުގެ ސަބަބުން އާންމުކޮށް ވާ ކަމެއް ކަމަށެވެ.

"އެއީ އެއްގޮތަކަށްވެސް ތެޔޮ ފައިބަނީއެއް ނޫން. އެއީ އޯވާފްލޯވެގެން ފައިބާ ތެޔޮ. އެ ތެޔޮ ވޭސްޓެއް ނުވާނެ. ރެސްޓްރޯ ކުރެވޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ތެޔޮ ތާންގީތައް ފަރުމާކޮށްފައިވަނީ އެގޮތަށް ކަމަށެވެ.