ރައީސުލްޖުމްހޫރިއްޔާ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ގޮތުގެ މަތީން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހ.ގުރުވަ/ އަހުމަދު އާހިދު ރަޝީދެވެ.

އިނގިރޭސި ވިލާތުގެ ސްޓެފޯޑްޝަޔާ ޔުނިވަސިޓީން ބެޗެލާ އޮފް ލޯ ވިޗް އޮނާސް ހާސިލު ކުރައްވާފައިވާ އާހިދު އެންމެ ފަހުން ފުރުއްވާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަނަންސް މެނޭޖަރުގެ މަގާމެވެ.

އަދި އޭނާ ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ލީގަލް އެޑްވައިޒަރުގެ މަގާމާއި ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ. އޭގެ އިތުރުންވެސް އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރުގެ މަގާމާއި މޯލްޑިވްސް ވޮލަންޓިއާސް ކޯޕްސްގެ ސީއީއޯގެ މަގާމުވެސް އޭނަ ފުރުއްވާފައިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަންޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ހާދިމެކެވެ.