ބ. ހިބަޅިދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލުކޮށް، އެތަން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
އޮގަސްޓް 10، 2014 ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް 50 އަހަރަށް ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިން ހިބަޅިދޫ ސަރުކާރުން އަތުލީ ޑިސެމްބަރު 9، 2015 ގައެވެ. އެއީ އެރަށުގެ އިކުއިޒިޝަން ކޮސްޓުގައި ދައްކަންޖެހޭ ތިން މިލިއަން ޑޮލަރު ނުދައްކާ ކަމަށް ބުނެއެވެ.
އެ ރަށުގެ އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން ބިޒްނަސް މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މައްސަލަ ބަލައި 2016 ވަނަ އަހަރު ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 26، 2016 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި، ބިޒްނަސް މޯލްޑިވްސްއާ ހިބަޅިދޫ އަނބުރާ ހަވާލު ކުރުމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް ދިވެހި ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި މާޗް 6، 2019 ގައި ހައިކޯޓުން ވަނީ ސިވިލްކޯޓުގެ ހުުކުމް ބާތިލްކޮށްފައެވެ. އަދި ހިބަޅިދޫގެ އެއްބަސްވުން ސަރުކާރުން ބާތިލު ކުރީ ރަނގަޅަށް ކަމަށް ވެސް ހުކުމްކުރިއެވެ.
އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ބާތިލު ކުރުމަށް އެދި ބިޒްނާސްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ސުމްރީމް ކޯޓުން މިއަދު ހުކުމް ކުރީ ހައިކޯޓުގެ ހުކުމް ބާއިލްކުރެވެން ނެތް ކަމަށެެވެ.
ހިބަޅިދޫން ހަތިޔާރުތަކެއް ފެނުނު މައްސަލައިގައި މީގެ ކުރިން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާވެސް ކުރިއެވެ. އެ ދައުވާތައް ފަހުން ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު