ޝަރީއަތަށް ނުފޫޒު ފޯރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އިނގިރޭސި ވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ދައްކާ ވާހަކަތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު، އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ހައިކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންއާއި ކުރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބުވެސް ވަނީ ވިދާޅުވެފައެވެ. އަދި އަލީ ޒާހިރު ގުޅުއްވަނީ ސީދާ ރައީސް ސޯލިހު އަންގަވައިގެން ކަމަށްވެސް އޭނާ ވިދާޅުވާ ކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ފަނޑިޔާރަކާ ގުޅަން ދުވަހަކުވެސް މީހެއް ކައިރީގައި އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުނުވާނެ ކަމަކީ ޔަގީން ކަމެއް ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމުގައި އެމްޑީޕީ މެންބަރުން ފިޔަވައި އެހެން ޕާޓީތަކުގެ ބޭފުޅުންނަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑަށް ޔަގީން ކަށަވަރު ފަނޑިޔާރަކާ ގުޅުއްވާކަށް ދުވަހަކުވެސް މީހެއް ކައިރީގައި ވިދާޅެއް ނުވާނެ.. އަޅުގަނޑު އަބަދުވެސް އިތުބާރު ކުރާނީ އެމްޑީޕީ މެންބަރުންނަށް، އެހެން ޕާޓީއަކަށް އަޅުގަނޑަކަށް އިތުބާރެއް ނުކުރެވޭނެ، އަދާލަތު ޕާޓީއަކަށްވެސް ޖުމްހޫރީ ޕާޓީއަކަށްވެސް އަދި އެހެން ޕާޓީއަކަށްވެސް އެހެންވީމާ އަޅުގަނޑުގެ އިތުބާރުވެސް އޮންނާނީ އެމްޑީޕީގެ މެންބަރުންނަށް. އަޅުގަނޑަށް ޔަގީން ކަށަވަރު އެމްޑީޕީގެ މެންބަރަކު ފަނޑިޔާރަކާ ގުޅުއްވައިގެން ނޫޅުއްވާނެކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.