ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ނިންމަވައިފިއެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ 'ވަން' އަށް މިރޭ ވިދާޅުވީ، މާދަމާ ރާއްޖެ ގަޑިން މެންދުރު 12:30ގައި ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުން ކުރިއަށް ގެންދަވާނީ އޮންލައިންކޮށް ކަމަށްވެސް ވިދާޅުވިއެވެ.

މިއީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށްގެން ދިން ޓެރެރިސްޓް ހަމަލާއަށްފަހު ބާއްވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ނަޝީދު ޖަވާބު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ އެމަނިކުފާނަށް އަމާޒުކޮށްގެން ހަމަލާ ދިނުމުގެ އެއް ދުވަސް ކުރިންނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުން ބާއްވާފައި ވަނީ އެމްޑީޕީ އޮފީހުގައެވެ.

ރައީސް ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރާ އިރު، ދުވަސްވީ ދެ އެކުވެރިން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުއާ ދެމުދު ގުޅުން ވަރަށް ބޮޑަށް ގޯސްވެފައެވެ.