މަހާނައެޅިހުރާގައި ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމްއާއެކު މާހަލް ޓުއާސްއިން ހެދި ސަބްލީޒް އެއްބަސްވުން މާހަލް އިން ބާތިލް ކުރީ، ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި އެ ކޯޓުގެ ގާޒީ އަލީ ނަސީރުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ، އެ މައްސަލައިގައި ސޭވް ދަ ޑްރީމްސްގެ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރެވެ.
އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅި ސިޓީގައި ބުނެފައި ވަނީ އެ މައްސަލައިގެ ހުކުމް އިއްވުމަށް ހުސްވި އޮގަސްޓު މަހުގެ 31ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަލީ ނަސީރު އެ މައްސަލައިގެ ހުކުމް އިއްވައި ނިމުނީ އެ ދުވަހުގެ 15:50 އެހާކަންހާއިރު ކަމަށެވެ. ނަމަވެސް އެ ހުކުމާ ގުޅިގެން މާލެ އަތޮޅު ދެކުނުގައި އޮންނަ ކ. މަހާނައެޅިހުރާ (ރިހިވެލި ބީޗް) އަށް ދައުވާ ލިބޭ ފަރާތުން އެރި އިރު ގަޑިން 16:15 ކަމަށް ބުނެފައިވެ އެވެ.
ސިޓީގައި އިތުރަށް ބުނީ، މާލެއިން ފުރައިގެން ލޯންޗެއްގައި ކަނޑުމަޑު ދުވަހެއްގައި ރިހިވެލި ބީޗަށް ދެވެނީ 45 މިިނެޓުން ކަމަށްވާ އިރު، އެ ހުކުމަކީ އެކަމާބެހޭ މައުލޫމާތު މާހަލްއަށް ކުރިން ލިބިފައިވާ ހުކުމެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
"16:15ގައި ރިހިވެލި ރިސޯޓަށް އަރައިގަތް މީހުންގެ އަތުގައި އޮތް، މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ ސިޓީގައި އެޓޭޗް ކުރެވިފައިވާ ގަޑިއަކަށް އޮތީ 16:05 އެވެ،" ޖޭއެސްސީއަށް ވަކީލު ނާޒިމް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ސިޓީގައި އިތުރަށް ބުނީ، އެ މައްސަލައިގައި ހުކުމްކުރުމާއި ރިހިވެއްޔަށް އަރައިގަތް ގަޑިއާ ދެމެދު 45 މިނެޓު ނުވާކަން އެނގެން އޮތުމުން އެ މައްސަލައިގައި ކުރަން އޮތް ހުކުމް، ދައުވާ ލިބޭ ފަރާތަށް އެނގިފައިއޮތީ ގާޒީ އަލީ ނަސީރުގެ އިހުމާލުން ކަމުގައިވާތީ އޭނާގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު