ސަރުކާރުގެ މޫނުމަތި ސާފުކޮށް ކޮރަޕްޝަން ނައްތައިލެވޭނީ ފްރީ މީޑިއާ އޮވެގެން ކަމަށާއި ފްރީ މީޑިއާ އޮތުމަށް ޓަކައި ދައުލަތުން ހިލޭ އެހީ ދޭން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އުފެއްދުމުގައި އިސްކޮށް އުޅުއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ވަން ޕްލަސްގެ "ވަަން އެކްސްކްލޫސިވް" ޕްރޮގުރާމްގައި އުމަރުގެ ވެރިކަމެއްގައި ރާއްޖޭގެ މީޑިއާތައް ސަސްޓެއިން ކުރުމަށްޓަކައި ކުރާނެ ކަމަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އުމަރު ވިދާޅުވީ، ފްރީ މީޑީއާ އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި އެއީ ފްރީ މީޑިއާއެއް ނެތި ސަރުކާރުގެ މޫނުމަތި ސާފެއް ނުކުރެވޭނެތީ ކަމަށެވެ. އެގޮތުން މިއަދު ފްރީ މީޑިއާ އަކީ ވަރަށް މަދު އެއްޗެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހީކުރީ 2005 ގަ ވަރަށް ގިނަ ޕޮލިޓިކަލް ޕާޓީތައް އައިއިރުގަ، 2008 ގަ ވަރަށް ގިނަ ފްރީމީޑިއާ އަންނާނޭ. އަޅުގަނޑު ވަރަށް ކުޑަ މިސާލެއް ދައްކާނަން. 2005 ވަނަ އަހަރު ރާއްޖެއަށް ސިޔާސީ ޕާޓީތައް އައި އިރުގަ ޓީވީ މޯލްޑިވްސް އެއީ ރާއްޖޭގެ ގައުމީ ޓީވީ. އަޅުގަނޑުމެން އޮޕޮސިޝަން މީހުން އެއީ. ނަމަވެސް އަޅުގަނޑުމެން ގެންދާނެ އޭރުވެސް. އެކަމަކު ވޭތުވެދިޔަ 8 ނުވަަތަ 10 އަހަރު ވަންދެން ރާއްޖޭގެ ގައުމީ ޓީވީން އޮޕޮސިޝަން އަކަށް އެ ފުރުސަތެއް ނުދޭ. އޮޕޮސިޝަން ގަ ކޮންމެ ބަޔަކު ތިބި ނަމަވެސް ނުދޭ އެ ފުރުސަތެއް. އެއީ ވަރަށް ބޮޑު ދެރަ ކަމެއް ހަގީގަތުގަ." އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ އެބޭފުޅާގެ ވެރިކަމެއްގައި މީޑިއާތަކަށް މުހިންމު ދެ ބަދަލެއް ގެންނާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލަކީ މީޑިއާތައް ފްރީ ކުރުމަށް ޓަކައި މީހަކާ ބެހޭގޮތުން ހަބަރެއް ކިޔައިފިއްޔާ އެ މީޑީއާއަކުން އޭގެ ރައްދުގައި އަނެއް މީހާ ބުނާ ވާހަކަ އެ މީޑިއާއަކުން ގެނެސް ދޭން ޖެހޭ ގޮތް ހެދުން ކަމަށެވެ. "މާނައަކީ ހަަބަރެއް ކިޔާފަ ދޫކޮށެއް ނުލެވޭނޭ. އަނެއް މީހާގެ ފަޅި ގެނެސްދޭން ޖެހޭނޭ." އުމަރު އިތުރަށް ފާހަގަކުރެއްވި އެވެ.

ދެވަނަ ކަމަކަށް އުމަރު ފާހަގަކުރެއްވީ، މިހާރުވެސް ދައުލަތުން ސްޕޮންސާ ދޭ އުސޫލުން ހުރިހާ މީޑިއާތަކަށް ހަމަހަމަކޮށް އެއްވަރަށް އޭނާގެ ސަރުކާރެއްގައި ސްޕޮންސާ ލިބޭނެ ކަމަށެވެ. "އެއީ ސްޕޮންސާސްއެއް ނޫން. އެއީ ގްރާންޓެއް ހަގީގަތުގަ. އެއީ މީޑީއާތައް ސަސްޓެއިން ވުމަށްޓަކައި ދޭ ގްރާންޓެއް. އެކަމަކު މީޑިއާއާ ބެހޭ ގާނޫނު ބުނާ ގޮތަށް ހަމަހަމަ ކަންމަތީގަ ހުރިހާ މީޑިއާއެއްވެސް ގެނެސްދޭން ޖެހޭނެ." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިހާރުވެސް އެއްވެސް ޓީވީ އަކުން އެއްފަޅީގެ ވާހަކަ އަބަދު ގެނައުމަކީ ގާނޫނުގައި މަނާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ޓީވީތައް ހިނގަނީ އެހެން ނޫން ކަމަށެވެ.

"ޓީވީތައް ހިނގާ ގޮތަކީ، ޗެނަލް 13 އިން ގެނެސްދޭނީ ހަމައެކަނި ހަމައެކަނި ޔާމީނާ ބެހޭ ވާހަކަ. ރާއްޖެ ޓީވީން ގެނެސްދޭނީ ހަމައެކަނި އިބްރާހީމް މުހައްމަދު ސޯލިހުއާ ބެހޭ ވާހަކަ. ޓީވީއެމް އިން ހަމަ ގުރައެއްހެން ގޮވަމުން ގެންދާނީ އެވަގުތެއްގަ ރައީސުލް ޖުމްހޫރިއްޔާއަށް ހުންނަ ބޭފުޅެއްގެ ވާހަކަ. އެހެނިހެން ކުދިކުދި މީޑިއާ އައުޓްލެޓް ތަކަކުން ކިރިޔާވެސް ބެލެންސް ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ. މައި ބޮޑެތި މީޑިއާތައް ހުރީ އެއްފަޅިއަކަށް ގޮސް ހުސްވެފަ." އުމަރު ވިދާޅުވި އެވެ.

ރާއްޖޭގެ މީޑިއާތަކަށް ބަދަލެއްގެ ގޮތުން އުމަރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ، މީޑިއާތަކަށް ހެދިފައިވާ ގާނޫނުތަކާ އެއްގޮތަށް ހުރިހާ މީޑިއާތަކުން އަމަލުކުރާ އަދި ދިވެހިރާއްޖޭގައި އަންނަ ސަރުކާރަކުން ހުރިހާ މީޑިއާތަކާ ދޭތެރޭގަ އެއްގޮތަކަށް އަމަލުކުރާ، އެއްވަރަކަށް ސްޕޮންސާ ދޭ، އަދި އެއްވަރަކަށް އެހީ ދޭ ސަރުކާރެއް އުފެއްދުން ކަމަށެވެ.