ވާހަކަ

ވާހަކަ: ދިން ނަޒަރުން ކުރުވި ވައުދު - 03

2

ރޭގެ ޑިއުޓީ ނިންމާލުމަށްފަހު ހުޅުލެއިން މާލެ އައިސް ޕާކްކޮށްފައި ހުރި ސައިކަލާއި ދިމާއަށް ހިނގައިގަތުމުގެ ކުރިން އޭނާއާއި ދާދި އެކުއެކީގައި އައި ރާފިޢުގެ މޫނަށް ޝިވާން ބަލައިލިއެވެ.

“އޭތް.. ޖޮނަތަންޑޭވް...." ރާފިޢު, އިނގިރޭސި ރޮކް މިޔުޒިކް ގްރޫޕް 'ކޯން'ގެ ވޯކަލިސްޓް, ޖޮނަތަންޑޭވް އަށް ފޯރި ހުންނަ ވަރުން ޝިވާން ރާފިޢަށް ގޮވާ އުޅެނީވެސް އެނަމުންނެވެ. "އަނގައިން ނުބުނަން ހުވައެއް ކުރީތަ..... ސޮރީއޭ..”ޝިވާން ރާފިއުގެ ކޮނޑަށް އަތް ވައްޓާލަމުން މައާފަށް އެދުނެވެ. އެއްވެސް ތާކުންތާކު ނުޖެހޭ ކަމެއްގައި ރަހްމަތްތެރިޔާއާ ވާހަކަ ނުދައްކާ މިހާރުވެސް މާގިނައިރު އޭނާއަށް ބޯހަރު ވެގެމް ހުރެވިއްޖެއެވެ.

"އޯކޭ ބޮބްޑިލަން..." ރާފިއު ހިނިތުންވެލަމުން ޝިވާންގެ ކަރާއިކަރު ޖައްސާލިއެވެ. އަދި ދެ ރަޙްމަތްތެރިން އެކަކު އަނެކަކަށް ރޭގަނޑުގެ ސަލާން ކުރުމަށްފަހު އެމީހެއްގެ ސައިކަލާއި ދިމާއަށް ޖެހިލިއެވެ.

"ޔޫމީއަށް ހަދިޔާއެއް ނުގަންނަންތަ.." ސައިކަލަށް އަރާ ސްޓާޓް ކޮށްލުމުގެ ކުރިން ޝިވާން ރާފިއުއަށް ހަދާންކޮށްދިނެވެ.

"މާދަމާ އެކަމާ އުޅޭނީ.. މިދާ މަގުމަތިން ރަނގަޅުއެއްޗެއް ފެނޭތޯ ކުޑަކޮށް ބަލާލާނަން.. ގެއާއި ހަމައަށް ދެވުމެގެކުރިން އެމަންޖެ ގަޔާވާ އެއްޗެއް ފެނިއްޖެއްޔާ ގަނެގެން ދާނީ.." ރާފިއު ވާހަކަ ދައްކަމުން ސައިކަލް ސްޓާޓް ކޮށްލިއެވެ.

ރާފިއު ދާންޖެހެނީ ހެންވޭރަށް ކަމަށް ވާއިރު ޝިވާން ދާންޖެހެނީ މާފަންނަށެވެ. ރާފިއު ގޮސް އޮބާލަންދެން ހުއްޓި ހުރި ޝިވާން އޭނާގެ ސައިކަލަށް އެރިއެވެ.

ޖީބުގައި އޮތް ފޯން ރިންގ ވާން ފެށުމުން ޝިވާން ސައިކަލް ސްޓާޓް ކުރުމުގެ ބަދަލުގައި ފޯނުނަގާ ކާކުގެ ކޯލެއްތޯ ބަލައިލިއެވެ. ފޯންގެ ޑިސްޕްލޭއިން މަންމަގެ ނަމާއި ނަމްބަރު ފެނުމުން އޭނާގެ ތުންފަތް މަތީ ހިނިތުން ވުމެއް ކުޅެލިއެވެ.

"ކީކޭ..މަންމާ.." އޭނާ ފޯނަށް ޖަވާބު ދިނެވެ. "އެއްވެސް ކަމެއް ނުވޭ.. ހަމަ އެއްވަނަ.. ވަރަށް ވަރުބަލި... މިދަނީ ގެއަށް......"

މަންމަގެ އަޑުގައި ހުރި ހާސްކަން ޝިވާނަށް ވަރަށް ފަސޭހައިން ފާހަގަ ކުރެވުނެވެ.

"މަންމާ... ކިހިނެއްވެފަ.. ހާދަ ކަންބޮޑުވެފަ.. ބަލިވީތަ.." ޝިވާން އަހާލިއެވެ. މަންމަގެ ޖަވާބު އިވުމުން ޝިވާނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ފޯން ކަޑާލުމަށްފަހު ފޯން ޖިންސްގެ ޖީބަށް ލަމުން ޝިވާން ސައިކަލް ސްޓާޓްކޮށްލިއެވެ.

"ކަލޭގެ ފިނިވައިރޯޅިއެއް ފަދަ މަޑުމައިތިރި މިޒާޖު... ބައެއް ފަހަރު ކޮށްލާ ގަމާރު މޮޔަ ކަންތައް.. އެއްވެސް ރުޅިވެރި ކަމެއް ނުހުންނަ ހިތްހެޔޮ ލޮބުވެތިކަން... އަހަރެން ކަލެއާއިމެދު ދެކުނީ ވަރަށް އާދައިގެ ރަށްފުށުގެ އަންހެން ކުއްޖެއްގެ ގޮތުގައެވެ. އެހެންނަމަވެސް ކަލޭ ދިޔުމަށްފަހު އަހަންނަށް ފޫނުބެދޭފަދަ ހުސްކަމަކާއި ފަޅުކަމަކާއި ފޫހި އެކަނިވެރިކަމެއް އިހްސާސް ކުރެވެނީ ކީއްވެގެން ކަމެއް ނޭނގެއެވެ... އެންމެ ފަހަރަކު.. ހަމަ އެންމެ ފަހަރަކު ކަލޭ އެނބުރި އައުމަށް އެދި އަހަރެންގެ ހިތާއި ސިކުނޑި ތެޅިފޮޅެނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ހެޔޮނުވާނެއެވެ. ހަމަ އެންމެ ފަހަރަކު އެނބުރި އަންނާނެ ނަމައެވެ. އޭރުން އަހަރެން ކަލެއަށް މިންނެތް ހައްދެއްނެތް ވަރަށް ލޯބިދޭނަމެވެ. ކަލޭގެ ލޮލުން އޮހުނުކޮންމެ ކަރުނަތިއްކަކަށް ހިނިތުންވުމެއް ދޭނަމެވެ... ކަލޭގެ ބޮޑެތި އުއްމީދުތަކާއި އެދުންތައް ބުނުމުގެ ކުރިން ފުރިހަމަ ކޮށްދޭނަމެވެ.." ރޭގަނޑުގެ ފުރަތަމަ ދަމަށް ނިމުމެއް އަންނަކަން ބުނެދެނީ ދުއްވާ ތަކެއްޗާއި މީހުން މަދުވެ ހަލަބޮލިކަން ކެޑެމުންދާ މަގުތަކުގެ މަންޒަރުތަކުންނެވެ. ދުއްވަމުންދިޔަ ސައިކަލުގެ މެދުމިނުގެ ސްޕީޑާއިއެކު ޝިވާންގެ ހިތުގެ ކަނެއްގައި ފިލާއިން ތަޞްވީރު ދިރިދިރި ހުރި ސޫރައަކަށް ވެގެން އޭނާގެ ޚިޔާލީ އަހުގެ ލަގަނުގައި ހިފާ ދަމަމުން ދުރަށްމާދުރަށް މާޒީގެ ފުސް ކަމުގެ ތެރެއަށް އޭނާގެ އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ޖައްވުގެ ތެރޭ އުދުހެމުންދާ ފްލައިޓެއްގެ ދުވެލީގެވެސް ކުރީގައި ހުރެ ވިލާތަކުގައި ބޮސްދެމުން ތަރިތަކުގެ ދަރުބާރުގައި ހިނިތުންވަމުން ނަށަމުން ދިޔަ ޅަޒުވާން ދުވަސްތަކުގެ އިޙްސާސްތަކުން ފުރިފައިވާ ހަނދާންތަކުގެ ތެރެއަށް... ގެންގޮސް... އަނބުރާ އައުމަށް އެހެން އެކަކުވެސް ނޭދޭ... އޭނާއަށް ހެޔޮއެދޭ އެއްވެސް މީހަކު ފަހަރެއްގައިވެސް އެނބުރި ބަލާލަންވެސް ނުރުހޭ.. ކިރިޔާވެސް ޙަޤީޤަތް އެނގޭ މީހެއް ނަމަ އެއިން ވަގުތެއް އިޢާދަ ވާން އެއްގޮތަކަށްވެސް ބޭނުން ނުވާނެ... އެހެނަސް ބަލާލަން ކިތަންމެ ކަމުނުދިޔަސް ހިތުގައި ރިހޭވަރު ބޮޑުވިޔަސް... އޭނާ އެންމެ އާވާން ބޭނުންވާ.. އެރިހުމުގައި ފޮނިކަމެއް އިހްސާސްވާ.... އަލުން އެނބުރި އައުމަށް އިންތިހާއަށް އެދެވޭ... އޭނާގެ ޙަޔާތުގެ އެންމެ ހިތްގައިމު އޭނާއަށް އެންމެ މުހިންމު މާޒީގެ ތެރެއަށް އޭނާ ގެއްލުވާލައިފިއެވެ.

"ހުވައިނާ...ހުވައިނާ...." ހިނގާފަ ދާ ގޮތަކުން އޭނާގެ ނަފްސު މަސްތު ކުރުވައެވެ.

ހިނިތުންވެލާފަ ބަލައިލާ ގޮތުން އޭނާ ކާލިއަޅާލައެވެ. އެދޭ ނަޒަރަށް އޭނާ ފިދާ ވެދެއެވެ. ބޭއިޚްތިޔާރުގައި އެ ނަޒަރުން އޭނާގެ ޔަޤީންކަން ހޯދައެވެ. ހިތުގެ ޤާތިލު ޖާދުވީ ޞާޙިރީ ނަޒަރުން, އެތައް ވައުދު ކުރުވައެވެ.

އެހެން އެންމެނަށްޓަކައި އެއީ ޝައިޠާނީ ޑައިނެކެވެ. އެކަމަކު "ޝިވާއިނާ" އެއީ ދެހަށިގަޑެއްގައި ވިޔަސް އެއް ފުރާނައެކެވެ. ގުޅިލާމެހިފައިވާ އެކުގައި ނޭވާ ލަމުންދާ ދެރޫޙެވެ. އޭނާގެ އައިނާ... ޝިވާގެ އިނާ...

"އޭތް..ޝިވާ... ފާޑެއްގެ ވަހެއް ނުދުވާތަ..." އިރުއޮއްސި ރަތްވިލާގެ އަސަރު އުދަރެހުން ކެނޑުނުތާ އިރުކޮޅެއް ވެއްޖެވެ. ތަރިތަކުގެ ވިދުން ފަނޑުކުރަމުން ރޭގަނޑުގެ ރާނީ ފަޚުރުވެރިކަމާއިއެކު ދާވަނި ފަތުރާލީ ދާދި ދެންމެއަކުއެވެ. ކޯއްޓޭއަށް ދާން އޮންނަ ދެކަފި މަގުން ގޮސް ނިކުމެވޭ ކަންމަތީފަންނުގެ ނަމުން މަޝްހޫރުވެފައި އޮންނަ އަތިރިމަތިން ތިރިއަށް އޮތް ސާފު ހުދު ދޮންވެލިގަނޑު މަތީ އުޑުތިލަމަތިން އޮށޯވެގެން ޤުދުރަތުގެ ހިތްފަސޭހަ ރީތިކަމަށް ގެއްލިފައި އޮތް ޝިވާނު ސިހުނީ މަސްބާނަން ހުރެފަ ދުވަމުން އައިސް އޭނާއަށް ގޮވި ހައިކަލްގެ އަޑަށެވެ.

"ރަޙުމްކުޑަ ފިރިހެނާ.. އެހެން މީހުންގެ އިހްސާސްތަކަށް ޤަދަރު ކުރަން ދަސްކޮށްބަލަ..."

ޝިވާން ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ. "ކިހިނެއްވީ... ކަނޑުވިގަންޏެއް ފެނުނީތަ..."

"އަޅެ.. ސީރިއަސްވެބަލަ... ހާދަ ކުނި ވަހެކޭ އެދުވަނީ..." ޝިވާން ވެލިގަނޑުމަތިން ތެދުވެ އިށީދެލިއެވެ. އެވަގުތު ޖެހުނު ރޯޅިއަކާއިއެކު އޭނާގެ ނޭފަތުގައި ޖެހުނު ކުނި ނުބައި ނަޖިސް ވަހަކުން ކަރުބުޑަށް ހޮޑު އައި ކަހަލައެވެ.

"އައްޗި.. ޔަޤީން މިތާ ކައިރި ތަނަކަށް ކަރުގޮހޮރު އަޅާފަ..." ޝިވާން ރުޅި އައިސް ތުރުތުރު އަޅާ އަޑަކުން ބުނެލިއެވެ.

"ކަރުގޮހޮރު ވަހަށްވުރެވެސް ނުބައި ވަހެއް... ކޮންމެވެސް ދިރޭ ޖަނަވާރެއް ކަހަލަ އެއްޗެއް މަރުވެގެން ކުނިވެފަ އޮތީހެން ހީވަނީ.. ހާދަ ގަދަ ކުނި ވަހެކޭދޯ..." ހައިކަލް އެކި ދިމަދިމާއަށް ލޯ ހިންގާލަމުން ބުނެލިއެވެ.

އިރެއް އިރަކަށް އެވަސް ދިޔައީ ގަދަވަމުންނެވެ. ހައިކަލަށް ކެތްނުކުރެވިގެން ހޮޑު ލެވުނު އިރު ޝިވާން އޭނާގެ ޓީޝާޓް ބާލާ އަނގަޔާއި ނޭފަތް އެކީ ނިވާކޮށްގެން އެވަހުން ސަލާމަތް ވުމުގެ ބޭކާރު މަސައްކަތް ކުރަމުން ދިޔައެވެ.

“ހިނގާ ދާން... މާ އަމާން ރެއެއްހެނެއް ހިއެއް ނުވޭ.." ހައިކަލް އެވަހާއި މެދު އޭނާއަށް ވިސްނޭ ގޮތަށް ޢިޝާރާތް ކުރިއެވެ.

“މީހުން ބުނޭ މިދިމާލުން އޮންނަ 'ދުވާ ފެންގަނޑަށް ޕަރީންގެ ސަހަރުން ހޮވާލެވޭ ބާނދީން ގޮވައިގެން އެސަހަރުގެ ރާނީންނާއި ރަސްދަރިކަނބަލުން ނާނޭފުޅު ފިއްލަވަން އާދެޔޯ... އެތަނަށް ރަނިންފެންގަނޑު ކިޔަނީވެސް އެހެންވެޔޯ... ބައެއް ފަހަރު ރީތި ރަނިންގެ ނިވާނުވެ ހުންނަ ހަށިގަނޑު ފެނި ޝައިޠާނުން ދީވާނާ ވެގެން އެމީހުންގެ ރޫޙު ޤައިދު ކުރެޔޯ... މިނިވަންވާން ބޭނުމިއްޔާ އިންސާނުންގެ ތެރެއިން އެޝައިޠާނާ ޚިޔާރު ކުރާ މީހަކުގެ ރޫޙުގެ ޤުރުބާން ދޭން ޖެހޭނެޔޯ.." ހައިކަލްގެ ވާހަކަ ކަނުލާ އަޑުއަހަން އިން ޝިވާނަށް ހީގަނެވުނީ އިޚްތިޔާރަކާނުލައެވެ.

"އެކަމަކު ކީކޭ ދެން ބުނާނީ... މީ ސޯޅަސަތޭކަސުމެއްގެ އަހަރެއް އެޒަމާނެ ނޫނޭ... މީ ދެހާހުގެ އަހަރުތަކޭ... ހާދަ މުސްކުޅި ފިކުރެއް ގެންގުޅޭ ޑެވިލް އަކާ ކަޓު ޚިޔާލު ތަކެއް ގެންގުޅޭ ޕަރީން ތަކެކޭ ދޯ.. މިއޮއްފަދަ ޓެކްނޮލޮޖީ ކުރި އަރާފައި އޮތް ޒަމާނެއްގައި ޖިންނި ޝައިޠާނުންނާއި ޕަރީންވެސް ޑިޖިޓަލް ޒަމާނަށް އަހުލުވެރި ވާންޖެހޭނެއެއްނު....." ޝިވާން ބާރަށް ހީނގަތެވެ.

“ނުދަންޏާ ޝިވާ އިނަސް މަށަށް ހެޔޮ.. މަ މިދަނީ ދާން... މަށަކަށް ލާހިކެއް ނޫން މިތާ ހުންނާކަށް...." ހައިކަލް ދިއުމުގެ ކުރިން ދެންވެސް ޝިވާންގެ ޚިޔާލު ބަދަލުވޭތޯ އެތައްވާހަކައެއް ދެއްކިއެވެ. އެންމެ ފަހުން ހައިކަލް މާޔޫސީ ލޮލަކުން ޝިވާނަށް ބަލާލުމަށްފަހު ކަރުއެލުވާލަމުން ދާން ހިނގައިގަތެވެ. އޭރުވެސް އެއްކަލަ ކުނިވަސް ދުވުމަށް ބަދަލެއް ނާދެއެވެ.

ހައިކަލް ގޮސް ލޮލަށް ނުފެންނަ ހިސާބަށް ގެއްލުމުން ޝިވާން ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކަށް ބަލާލިއެވެ . އެއީވެސް ކޮންފަދަ ހިތްގައިމު ރީތި މަންޒަރެއް ހެއްޔެވެ. އޭނާ މަޑުމަޑުން އެދިމާއަށް ހިނގައިގަތެވެ.

ރާޅުތަކުގެ ހިދެމުންދާ ފޮނުގަނޑުގައި ބީހުނު އޭނާގެ ފިޔަވަޅަށް އިޙްސާސް ކުރެވުނީ ތޫނު ފިނކަމެކެވެ.

“އައްދިޔޯތް..." ހަމަ ކުއްލިއަކަށް ވަރަށް ގާތުން އޭނާއަށް ނިސްވާނީ ތުއި އަޑަކުން ކޫސް ދަމާލި އަޑު އިވިއްޖެއެވެ.

“ކާކު.....ކިހިނެއްވީ.." ތަންކޮޅެއް ބާރަށް ޝިވާން ގޮވާލިއެވެ. އަދި ފަހަތަށް އެނބުރި އެއަޑު އިވުނީ ކޮން ދިމާލަކުންތޯ ވިސްނާލިއެވެ.

“އައްދިޔޯތް... ނައްޓަދީބަލަ... މިއޮތީ އޮޅިފަ... ކަރަށް ބާރުވަނީ.... ޕްލީޒް.... އެހީއެއް ވެދީބަލަ..." އޭރުވެސް ޖައްވުގެ ތެރެއިން ދުވަން ފެށި ކުނިވަހަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދިވެސް ޝިވާން ހުރީ ނޭފަތާއި އަނގަމަތި ނިވާކޮށް މޫނުމަތިން ފުރަގަހަށް ޓީޝާޓް އައްސައިގެނެވެ.

"އޭހެއޭ..." ދިމާ ކުރިމަތިން އުސްކޮށް އެއްގަމަށް ދާން އޮންނަ މަގުން ރާސް އަޅާފައި ވެއްޓި ނުވެއްޓި ކަހަލަ ގޮތަކަށް ކެހިގެން އައި އެއަންހެން ކުއްޖާގެ ކަރުގައާއި މޫނުގެ އެއްބައިގައި ދޯޕައްޓާއެއް ކަހަލަ އެއްޗެއް އޮޅިގެންގޮސް ދެވޭ ނުދެވޭ ތަނެއް ނޭނގި އައި ގޮތަށް އައިސް ޝިވާންގެ ގައިގަ ލައިގަތުމާއިއެކު ދެމީހުން ގުޅައަކަށް ވެއްޓިއްޖެއެވެ.

ސާފު ހަނދުވަރުގެ އަލިކަން ކެޑި މުޅި މާހައުލު އަނދިރިކޮށްލައިފިއެވެ. ވިއްސާރައިގެ އެއްވެސް އަސަރެއް ނެތި ނުހަނު ސާފުކޮށް އޮތް އުނޑުމަތި ކަޅުވިލާތަކުން ބަނަކޮށްލައިފިއެވެ. ހިމޭންކަމާއިއެކީ އޮތް މޫދުގެ ލޮނުގަނޑު ރުޅި އައިސް ފުފިގެން ކެކި އަރައިގަތުމަކާއިއެކު މުޅިތަން އަލިކޮށްލީ ބާރަށް ވިދާލުމަކުންނެވެ. އަރައިގެން ދިޔަ އަލި އެޅުމުން އެއްވެސް ހުރަހެއް ނެތި އެމޫނު އޭނާއަށް ކިތަންމެހާވެސް ރީތިކޮށް އޭނާއަށް ފެނުނެވެ. ހަތަރުކަޅި ހަމަކޮށްލުމަށް އެދިންނަޒަރު އޭނާގެ ހިއްސުތައްގަބުކޮށްލިއެވެ. އޭނާގެ އެއްވެސް ބާރެއް ނެތި އިޚްތިޔާރުން ބޭރުވެވި ހިތާއި ނަފްސުގެ ރުހުމަކަށް ބެލުމެއް ނެތި ސިހުރުވެރި އެ ގޮތްނޭގޭ ނަޒަރުން ނޭގޭ ބާރެއް އޭނާގެ ފުރާނައިގެ އެވަޢުދު ކުރުވައިފިއެވެ.

މަރުގެ ސިލްސިލާއެވެ. ބިރުވެރިކަމުގެ އިންތިހާއެވެ. ދުވާލުގެ އަލިކަމުގައި ވިލާތަކުގައި ބޮސްދެމުން އުދުހުމުގެ އިމްތިޙާނު ހަދާ ޕައިލެޓްކޯހުގެ އެންމެ ކުޅަދާނަ އެންމެ އިތުބާރު ކުރާ ދަރިވަރެކެވެ. އެއްވެސް މީހަކަށް ނޭނގޭ ސިއްރު އޮތީ ނޭނގޭހާ ދުރުގައި ފޮރުވިފައެވެ.

(ނުނިމޭ)