ރ.އިންނަމާދޫގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމުގެ މަސައްކަތް ފެން ކުންފުނިން ފަށައިފި އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ އިންނަމާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެކުންފުނިން މިހާރު ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމަށް ބޭނުން ވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު އިންނަމާދޫ އަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން އިންނަމާދޫގައި 8.33 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކު ގާއިމު ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމާއި ފެން އުފެއްދުމަށް ޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް ޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނޭ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އޭގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ފެން ކުންފުނިން ބުންޏެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އިންނަމާދޫގެ ފެނުގެ މަޝްރޫއު ފެން ކުންފުންޏާއި ހަވާލު ކޮށްފައިވަނީ 50.8 މިލިއަން ރުފިޔާ އަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު