ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފި އެވެ.

އަނގޮޅިތީމު ބަނދަރު މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ މުޅި މަޝްރޫއުގެ 53 ޕަސެންޓް މިހާރު ނިމިއްޖެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން، ހާބާ ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 42،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 91 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1110 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި އާއި ނެރުބައްތި ހަރުކުރާނެއެވެ.

މި މަޝްރޫއަކީ ޖުމުލަ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.