ސައިބާ ސެކިއުރިޓީ ގާނޫނެއް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ތަންފީޒު ކުރަން ފަށާނެ ކަމަށް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ރޭ ވިދާޅުވީ، ސައިބާ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް އެބަހުރި ކަމަށާއި އެ މައްސަލަތައް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މައިކްރޮސޮފްޓާއެކު މިހާރު އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، މީގެ ކުރިން ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ)އަށް ދެވިފައި އޮތް އަހައްމިއްޔަތުކަން ކުޑަކަމަށާއި އެންސީއައިޓީގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ސައިބާ ސެކިއުރިޓީ ގާނޫނެއް ވުޖޫދު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ އަމާޒަކީ ސައިބާ ސެކިއުރިޓީއާ ބެހޭ ގާނޫނެއްވެސް މަޖިލީހަށް ހުށަހަޅައި އެ ތަންފީޒު ކުރަން ފެށުން. އަދި ސައިބާ ސެކިއުރިޓީއާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި އެކަމަށް ވަކި ހާއްސަ ޓީމެއް ބިނާ ކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން" ޝައުނާ ވިދާޅުވި އެވެ.

ޑިޖިޓަލް އިކޮނޮމީއަކާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު، އިންސާނީ ވަސީލަތްތައް އިތުރުކުރުމާއެކު ރެގިއުލޭޓަރީ އޮތޯރިޓީން ކުރަން ޖެހޭ މަސައްކަތްތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނާ އިތުރަށް ވިދާޅުވީ އަންނަ ހަފުތާ ތެރޭގައި ޖެމްސްއަށް ބަދަލުތައް ގެންނެވުމަށް މަސައްކަތް ފަށްޓަވާނެ ކަމަށާއި އަމާޒަކީ އަންނަ އަހަރު ސަރުކާރުގެ އިދާރާތަކުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުން ކަމަށެވެ.