ރޯޝަނީ ބިލްޑިން ކައިރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ.

މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:13 ހާއިރު ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިން ކައިރީ ހިންގި މި މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. ތިން މީހުންގެ ގްރޫޕަކުން ގޮސް ވަޅި ހެރީ އެ ޒުވާނާގެ ކަރަށެވެ. މި މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ވަނީ އުމުރުން 18 އަހަރުގެ މީހަކު ހައްޔަރު ކޯށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން"އަށް މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނައިރު ޒުވާނާގެ އާއިލާއިން މީގެ ކުރިން "ވަން" އަށް ބުނީ އޭނާ އަށް ހަމަލާދީފައިވަނީ ދެ ސައިކަލުން ދިޔަ ތިން މީހެއް ކަމަށެވެ.

ވަޅި ހެރުމާ އެކު ޒުވާނާ މަސައްކަތްކުރީ ސައިކަލުގައި އެންމެ ކައިރީގައި ހުރި އޭޑީކޭ ހޮސްޕިޓަލަށް ދެވޭތޯ ކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް އޭޑީކޭ ދޮރުމައްޗަށް ދެވުނު އިރު އޭނާ ހޭނެތިގެން ވެއްޓުނު ކަމަށާއި އަދި އެވަގުތު މަގުމަތީގައި ތިބި އާންމު ރައްޔިތުން އޭނާ ނަގައިގެން ހޮސްޕިޓަލަށް ވެއްދި ކަމަށް އާއިލާއިން ބުންޏެވެ.

އޭޑީކޭ އިން އޮޕަރޭޝަނެއް ކުރުމަށްފަހު އާއިލާގެ އެދުމުގެ މަތިން އޭނާ އައިޖީއެމްޗަށް ވަނީ ބަދަލުކޮށްފަ އެވެ.

ޒުވާނާގެ ހާލު މިހާރު މަޑު މަޑުން ރަނގަޅުވަމުން އަންނައިރު އޭނާ އަށް އަދިވެސް ދަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންނެވެ. ކަރަށް ވަޅި ހެރުމުގެ ސަބަބުން ޒުވާނާގެ ނޭވާލާ ހޮޅި ވެސް ފޫގޮސް ކަރުގެ ވާއަތް ފަޅިން ހުރި ނާރުތައް ވަނީ ބުރިވެފައެވެ.