ހއ. ފިއްލަދޫއާ ގުޅިފައި އޮންނަ ދައްޕަަރު، އެ ރަށުގެ އިހުތިސާސުން ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ދައްޕަރަކީ ފިއްލަދޫއާ އެއް ބިމެއްގައި އަދި އެއް ފަޅެއްގައި އޮންނަ ރަށެކެވެ. މި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ދައްޕަރު ހިމަނައިފައެވެ.
ނަމަވެސް ދައްޕަރު، ފިއްލަދޫގެ އިހުތިސާސުން ވަކިކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ އިހުތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުން އެމަނިކުފާނު އިއްޔެ ނެރުއްވި ގަރާރަކުންނެވެ.
އެކަމާ ގުޅިގެން ފިއްލަދޫ ކައުންސިލުގެ ރައީސް ފަތުހުﷲ ހަސަން މިރޭ "ވަން" އަށް ވިދާޅުވީ ރައީސް ސޯލިހު އެގޮތަށް ނިންމަވާފައިވަނީ އެ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ނުކުރައްވައި ކަމަށެވެ.
"ރައީސަށް ލިބިދޭ ބާރުގެ ދަށުން އެގޮތަށް ބަދަލު ކުރެވޭނެ. އެއީކީ މައްސަލައެއްވެސް ނޫން. ނަމަވެސް އަޅުގަނޑުމެންނާ ހަމައަށް ސަރުކާރުގެ އެއްވެސް ފަރާތަކުން އެކަމުގެ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވޭ. މަޝްވަރާއެއްވެސް ކޮށްފައެއް ނުވޭ،" ފަތުހުﷲ ވިދާޅުވިއެވެ
ފަތުހުﷲ އިތުރަށް ވިދާޅުވީ، ފިއްލަދޫގެ ބާރު ދައްޕަރަށް އޮތް ނަމަވެސް އެތަނުގައި އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދަން ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ކައުންސިލުން ބޭނުންވަނީވެސް ދައްޕަރުގައި ހިންގޭ މަޝްރޫއުތަކުން ކައުންސިލަށް މަންފާއެއްވާ ގޮތަށް އޮތުން ކަމަށްވެސް ވިދާޅުވިއެވެ.
ފިއްލަދޫގެ އިހުތިސޯސުން ދައްޕަރު ނެގިއިރު، ފިއްލަދޫ ކައުންސިލުން ދިޔައީ ދައްޕަރުން މަންފާ ލިބޭ ގޮތަށް އެރަށުގެ ލޭންޑު ޔޫސް ޕްލޭން ހަދަމުންނެވެ.
ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ލީޒްކުރަން ވިސްނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު