ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތަކެއް ކުރުމަށް ސައުދީ ސަރުކާރުގެ ވަފުދެއް ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތަކެއް ކުރުމަށް ސައުދީގެ ވަފުދެއް މިއަދު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އަދި މި މިސްކިތުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާދަމާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ އެގައުމުގެ އިސްލާމިކް އެފެއާޒްގެ އަންޑަ ސެކްރެޓަރީ އެވެ. ރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނީ އިސްލާމިކް މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި، ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު ކަމަށް ރައިސް އޮފީހުން ވަނީ ބުނެފަ އެވެ.

ސަލްމާން މިސްކިތް ހުޅުވޭނެ ތާރީހެއް ސަރުކާރުން އަދިވެސް ހާމަކޮށްފައެއް ނުވެ އެވެ.

ސައޫދީ ރަސްގެފާނުގެ އެހީގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. އެ މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ)ގެ ބަޖެޓަކާއެކުއެވެ.

އެ މިސްކިތް މީގެ ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރު މާޗު މަހު ސައުދީގެ އިސްބޭފުޅުން ވަޑައިގެންނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިސްކިތް ހުޅުވުން ފަސްކުރި ގޮތަށް، އަދިވެސް އެތަން ހުޅުވައިފައެއް ނުވެ އެވެ.