އިސްލާމް މާއްދާގެ ކަރިކިއުލަމް ރިވިއުކޮށް، އިސްލާމް ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުން ބައެއް ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާ ކަމަށް ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ 'މޭހައެއް ކޮމެޓީ"ގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ، އެ ކޮމެޓީގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ހަރުކަށި ފިކުރުގެ ނުރައްކާ ސްކޫލް ކުދިންނަށް އޮތް މިންވަރާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުން ސްކޫލް އުމުރުފުރައިގެ ކުދިންގެ ވިސްނުން ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަން އެ ކޮމެޓީގެ ފަރާތުން ފާހަގަކުރުމުން އެކަންތައް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ.
"މިނިސްޓަރު ވިދާޅުވެފައިވަނީ ކަރިކިއުލަމް ވެސް އެބޭފުޅުން ދަނީ ރިވިއުކުރަމުން. އެގޮތުން އިސްލާމް ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތަށް ހުރި ލިޔުންތައް ދަނީ ބަދަލުކުރަމުން،" ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަފީފް ވިދާޅުވިއެވެ.
ހަރުކަށި ފިކުރަށް ހިތްވަރު ދިނުމަށް ހުރި ކަންކަން ހުއްޓުވުމަށް ޕްރެވެންޝަން ޕްރޮގްރާމެއް ވަރަށް ފަހުން އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާކަން ފާހަގަކޮށް، އަފީފް ވިދާޅުވީ މިނިސްޓްރީގެ ފަރާތުން ކުރަމުންގެންދާ ކަންތައްތަކަކީ ވަރަށް މުހިންމު ކަންތައްތަކެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއިން ބޭރުން އިސްލާމް ޓީޗަރުން ގެނައުމަށްވެސް މިނިސްޓްރީން މިހާރު ވިސްނަމުންދާ ކަމަށެވެ.
"މިނިސްޓްރީން އެބަވިސްނާ ވަޑައިގަންނަވާ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ވެސް ގެނައިސްގެން ކުދިންނަށް އުނގަންނައިދިނުމަށް،" އަފީފް ވިދާޅުވިއެވެ.
އިންޓަނެޓް މެދުވެރިކޮށް ސްކޫލް ދަރިވަރުން ހަރުކަށި ފިކުރަށް ގްރޫމް ކުރާކަމުގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިފައިވާ ކަން ފާހަގަކޮށް އަފީފް ވިދާޅުވީ މިނިސްޓްރީގެ ފަރާތުން އެކަންކަން ބެލެނިވެރިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ހަރުކަށި ފިކުރުގެ މީހުންގެ ޓާގެޓަކަށް ވެފައިވަނީ ނިކަމެތި ކުދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ކުދިންނަށް އެކިއެކި ކަންތައްތައް ކޮށްދިނުމަށްފަހު ކުށްތަކަށް އަރައިގަތުމަށް ހިތްވަރުދެމުންދާ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު