އދ. އޮމަދޫގައި 11 މަހުގެ ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި މަރުވެއްޖެއެވެ.

އޮމަދޫ ކައުންސިލުގެ ރައީސް އިބްރާހިމް އާދިލް މިއަދު "ވަން" އަށް ވިދާޅުވީ އެރަށު ގެއެއްގެ ތެރޭގައި ހަދާފައި ހުރި މަސް ފެންގަނޑަކަށް 11 މަހުގެ ފިރިހެން ކުއްޖަކު ވެއްޓި މިއަދު މަރުވެފައިވާ ކަމަށެވެ. އާއިލާއަށް އެ ކުއްޖާ ފެނުނީ މަސް ފެންގަނޑު ތެރޭގައި އޮއްވައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ކުއްޖާ ސިއްހީ މަރުކަޒަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެ ކުއްޖާ މަރުވެފައިވާކަން މީގެ ކުޑަ އިރުކޮޅެއް ކުރިން ޑޮކްޓަރުން އާއިލާއަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެ ކުއްޖާ ފެންގަނޑަށް ވެއްޓިފައި އޮއްވައި އާއިލާއަށް ފެނުނީ. ދެން ވަގުތުން ނަގައިގެން ސިއްހީ މަރުކަޒަށް ގެނެސް ފަރުވާދޭން ފެށީ. ދެ ގަޑިއިރެއްހާއިރު ވަންދެން ކުއްޖާއަށް އޮކްސިޖަން ދެވޭތޯ ޑޮކްޓަރުން މަސައްކަތް ކުރި. ނަމަވެސް ކުއްޖާ މަރުވެފައިވާ ކަމަށް މީގެ ކުޑަ އިރުކޮޅެއް ކުރިން ޑޮކްޓަރު ވަނީ ވިދާޅުވެފަ،" އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ މިހާރު ކުއްޖާ ހިނެވުމާއި ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.