ފިކުރީ އޮއިވަރުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ސަމާލުވުމަށް ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ހިދުމަތުގައި ސިފައިން ހޭދަކުރާ ކޮންމެ ހިނދުކޮޅެއް ހޭދަކުރަން ވާނީ އިސްލާމް ދީނާއި ގައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމުގެ މަތިވެރި އަޒުމާއި ރޫހުގައި ކަމަށާއި އެކަންކަމަށް ވުރެ އިސްކަން ދެވޭ އެހެން އެއްވެސް ކަމެއް ސިފައިންގެ ހިތްތަކުގައި އޮވެގެން ނުވާނެ ކަމަށެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާއުކުރުމާއި ރާއްޖޭގެ ގާނޫނުއަސާސީ އާއި ރާއްޖޭގެ ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އިތުރުން ގާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ގާނޫނީ ވެރިކަން ހިމާޔަތްކޮށްދިނުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ސަރަހައްދީ ފެންވަރުގަޔާއި ބައިނަލްއަގުވާމީ ފެންވަރުގައިވެސް، ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ދުވަސްވަރަކީ ޒަމާނީ އޮއިވަރުގެ ތެރެއިން އަންނަ ޓެރަރިޒަމާއި ދީނީ ހަރުކަށި ފިކުރުގެ ނުރައްކާތަކާވެސް ކުރިމަތިލާން ޖެހިފައިވާ، ދުވަސްވަރެއް ކަމަށެވެ.

"މިކަމުގައި (ޓެރަރިޒަމާއި ހަރުކަށި ފިކުރުގައި) ކުޑަ ގައުމެއް ބޮޑު ގައުމެއް ތަފާތެއް ނެތް. އެހެންކަމުން، މިފަދަ ފިކުރީ އޮއިވަރުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ، އެ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމަކީ މުހިންމު ކަމެއް." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ފިކުރީ އޮއިވަރުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާ އިރު، އެންމެ މުހިންމު ކަމަކީ، ސަލާމަތީ ހިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުން ކަމަށެވެ.

އަދި އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާ ގުޅޭ އިދާރާތައް ގުޅިގެން މިހާރުވެސް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށް ވުރެ ރަނގަޅަށް ވަޒަންކުރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ގާބިލުކަން، ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގައި އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.