ސިފައިންގެ ފަރާތުން ގައުމަށް ދެއްކޭނެ އެންމެ އެންމެ ފުރިހަމަ ނަމޫނާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ގައުމަށް ހިދުމަތްކުރުމުގައި ދެމިތިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ،

ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިންނަކީ މާތް ﷲ ގަންދީ ހުވާކޮށްގެން، ގައުމީ ހިދުމަތުގައި ގުރުބާންވުމަށް އަޒުމް ކަނޑައަޅައިގެން އަބަދުމެ ތައްޔާރުގައި ތިބޭ ބައެއް ކަމަށާއި އެހެންކަމުން އަސްކަރިއްޔާގެ ހިދުމަތަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުމެއް ނޫން ކަމަށެވެ. އަދި އެއީ ގައުމީ ހިދުމަތުގައި ވެވޭ ވަރަށް މަތިވެރި ގުރުބާނީއެއް ކަމަށް ވިދާޅުވިއެވެ.

ސިފައިންގެ މީހެއްގެ ނަން ލިބުމާ އެކު، ސިފަވަންތަ އަހުލާހުގެ މަތީގައި ސާބިތުވެ ހުރުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށް ގޮވާލައި ރައީސް ވިދާޅުވީ، ސިފަވަންތަ އަހުލާގެ އެންމެ މަތިވެރި ސިފައަކީ، ކޮށްފައިވާ ހުވާގެ މަތީގައި އިހުލާސްތެރިކަމާއި ވަފާތެރިކަމާ އެކު ދެމިހުރުން ކަމަށެވެ.

އަދި އެމީހެއްގެ އަމަލާއި ބަހުން، ސިފަވަންތަކަމުގެ އަހުލާގާއި ސުލޫކު، އޭގެ އެންމެ މަތީ ދަރަޖައިގައި ތަމްސީލުކޮށްދިނުމަށް ސިފައިންގެ ކޮންމެ މީހަކުވެސް އިސްކަންދޭންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

''ދިވެހި އަސްކަރިއްޔާގެ ކޮންމެ ހިދުމަތްތެރިއަކީ، ގައުމީ ދިފާއީ ބާރުގެ ހައިބަތާއި ގަދަރާއި ޝަރަފުގެ މައްޗަށް ހުރި ބެލެހެއްޓުންތެރިއެއް. ޔުނިފޯމް އަޅައިގެން ހުރި ސިފައިންގެ އެންމެ މީހެއްގެ އަމަލުތައްވެސް، ސިފަވަންތަ އަހުލާގުން ކަސިޔާރުވެއްޖެ ނަމަ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި، މުޅި އަސްކަރިއްޔާގެ އަގު ވެއްޓިގެން ދިޔުމަކީ ދުރު ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސިފައިންގެ ފަރާތުން ގައުމަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާއަކަށް ވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ގައުމަށް ހިދުމަތްކުރުމުގައި ދެމިތިބުން ކަމަށެވެ. އަދި އެކަމަށް ސިފައިންނަށް މަގުދައްކައިދޭނެ އާރުކާޓީއަކީ، ގާނޫނުއަސާސީ އާއި ދިވެހި ސިފައިންގެ ގާނޫނާއި ސިފައިންގެ ތެރޭގައި އަމަލުކުރަމުން އަންނަ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާއި ސުލޫކީ މިންގަނޑުތައް ކަމަށް ވިދާޅުވިއެވެ.