ދިވެހިރާއްޖޭގެ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖްކަމުގައިވާ އެވިޑް ކޮލެޖުގައި، އާޓްސް އެންޑް ލިޓްރޭޗާގެ ނަމުގައި އަލަށް ފެކަލްޓީއެއް އުފައްދައި އެ ފެކަލްޓީގެ ޑީން ކަމަށް، ދިވެހިބަހުގެ އެކެޑެމީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަޝްރަފް އަލީ ހަމަޖައްސަވައިފިއެވެ.
އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި، އަޝްރަފް އަލީއަށް ޑީން ކަމުގެ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ، އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާޤް ރަޝާދެވެ. ފެކަލްޓީ އޮފް އާޓްސް އެންޑް ލިޓްރޭޗާގެ ޑީންގެ މަގާމުގެ ލިޔުމާ ހަވާލުވެވަޑައިގަތުމަށްފަހު އަޝްރަފް އަލީ ވިދާޅުވީ އެވިޑް ކޮލެޖުން އެމަނިކުފާނަށް މަރުހަބާ ކިޔުމުން ވަރަށް ހިތްހަމަޖެހި އުފާވާ ކަމުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުސްތާޤް ވިދާޅުވީ އެވިޑް ކޮލެޖަކީ އަބަދުވެސް ދިވެހިބަހަށާއި ބަހާ ގުޅުން ހުރި ކަންކަން ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ ކޮލެޖެއް ކަމަށާއި އަލަށް އިފްތިތާހުކުރި ފެކަލްޓީއަކީވެސް އެކަންކަމަށް ހާއްސަކޮށްގެން އުފެއްދި ފެކަލްޓީއެއްކަމަށެވެ.
އެވިޑް ކޮލެޖަކީ ތަފާތު ދާއިރާތަކުން ތަފާތު ލެވެލްތަލުގައި މިހާރުވެސް ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ކޮލެޖެކެވެ. ސެޕްޓެމްބަރުމަހުގެ ފުރަތަމަ ހަފުތާތެރޭގައި މި ސެމިސްޓާގެ ކޯސްތަކުގެ ކިޔެވުން ފެށުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު