"އަހަރެން ހީކުރީމެވެ. ކަލޭގެ އެއްވެސް ކަމެއް އަހަރެން ހަނދާނެއް ނުވާނެއެވެ. ކަލޭގެ ނަންވެސް ކަލޭގެ ސޫރަވެސް އަހަރެން ނުދަންނާނަމެވެ. އަހަރެން ކަހަލަ މީހަކަށް ކަމެއް ހަނދާން ނައްތާލުމަކީ އެއްވެސް އުނދަގޫ ކަމެއް ނޫނެވެ. އަމުދުން ކަލޭ ކަހަލަ ކަޓު އާދައިގެ މީހެއްގެ ހިޔާލުތަކުން އަހަރެން ކަހަލަ ފުދުންތެރި ޒަމާނަށް ފެތިފައި ހުރި މީހަކު ސިހިދާނެ ހެއްޔެވެ؟ އެއީ އަހަންނަށް ކުރެވުނު ކުށް ހީއެކެވެ.

ހަމަ އެންމެ ފަހަރަކު ނަމަވެސް ކަލޭ އެނބުރި އައުމަށް އަހަރެން މި އެދެނީ ކީއްވެހެއްޔެވެ. ކަލެއަކީ މާ ހާއްސަ މީހެއް ހެއްޔެވެ. އަހަރެންގެ ހިތާއި ސިކުނޑިން ކަލޭ ފިލައި ނުދާންވީ ކީއްވެ ހެއްޔެވެ. އަޖައިބެކެވެ. އަހަރެން މިއީ އެހާ ހިތްބަލި މީހަކަށް ވީ ކޮން އިރަކު ހެއްޔެވެ"

"މޯރނިންގ ޝިވާ"

ސިއްސައިގެން ގޮސް ހަމަ ދުނިޔެއަށް އާދެވުނީ ކޯޕައިލެޓް ރާފިއުގެ އަޑަށެވެ. މޫނުމަތީން ފެންނަން ހުރި ހާސްކަމާއި އުދާސްކަން ފޮރުވަން ހިނިތުންވެލީ އަމިއްލަ މަސްއޫލިއްޔަތާއި ޒިންމާ ހަނދާން ކުރަމުންނެވެ. ފަސިންޖަރުންގެ އުއްމީދުތަކާއި ފުރާނައިގެ ޔަގީންކަން އޮތީ އަތްމަތީގައިކަން ހިތަށް އެރުމުންނެވެ. އެތައް އެތައް އާއިލާއެއްގެ އިންތިޒާރު ގުޅިފައި ވަނީ އޭނާގެ އިތުބާރާކަން ވިސްނުމުން އަމިއްލަ ހިތާއި ނަފުސަށް ބާރު ފޯރުވާން ޖެހުނީއެވެ.

އެއާހޮސްޓެސްޓްގެ އިރުޝާދު ދިނުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު ކޮކްޕިޓް ތެރޭގައި އިން އޭނާގެ ބައިވެރިޔާއަށް ހިނިތުންވެލަމުން ބަޓަންތަކުގައި އަތް ހިންގާލީ ފަރިތަ އިނގިލަތަކަކުންނެވެ.

"އަޅުގަނޑުމެންގެ މިއަދުގެ ދަތުރުގެ ޕައިލެޓަކީ ޝިވާން އަޒްހަރު އަދި ކޯޕައިލެޓަކީ ރާފިއު ޖަމާލު" އެއީ އެތައް ބައެއްގެ ޔަގީންކަމާއި އިތުބާރުން ފުރިފައިވާ ބަސްތަކެއްކަން އޭނާއަށް އެނގެއެވެ. މިއީ ހަމައެކަނި ކުރެވޭ ދަތުރެއް ނޫނެވެ. އެތައް އާއިލާއެއްގެ އުއްމީދު އޮތީ އޭނާގެ އަތްމަތީގައެވެ. ކުރެވޭ ހަމަ އެންމެ ކުޑަކުޑަ ކުށަކުން ވިލާތަކަށްވުރެ އުހުގައި ލިޔެވިގެން ދާނީ އެތައް އެތައް ބައެއްގެ ހުއްޓިގެން ދިޔަ ހަޔާތުގެ ވާހަކައެވެ. މިއީ ފުރާނަތަކެއްގެ ޒިންމާއެވެ.

ރަންވޭގެ މަތީން މަޑުމަޑުން އަދި ދެން ބާރަށް ނައްޓާލި ފްލައިޓް ބިމުން މައްޗަށް އަދިވެސް މައްޗަށް ގޮސް ވިލާތަކާ ނިވާވެލިއެވެ. ދަތުރުގެ މެހެމާނުންނާ އެކު ހިތްފަސޭހަ ހަވީރަކަށް ނިމުން ގެނައި ރަތްވިލާތަކުގެ ކުލަރީތި މެހެފިލްގެ ތެރެއިން ފްލައިޓް އޭގެ މަންޒިލާ ދިމާއަށް މިސްރާބު ޖަހައިލިއެވެ.

އޮނަތިރީހަކަށް އަހަރުގެ ޝިވާން އަޒްހަރަކީ އިސްކޮޅުން ދިގު ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ، ދިވެހިންގެ ތެރޭގައިވެސް ގުނާލެވޭ، ރީތި ޒުވާނުންގެ ތެރެއިން ހޮވައިލެވޭ ޒުވާނެކެވެ. އޭނާގެ ހިތްހެޔޮ ސަކަ މިޒާޖާއި އަނެކުންނަށް އިހުތިރާމު ކުރާ، ފަސޭހައިން އެކުވެރިކަން ބަދަހިކުރާ، އަނެކުންނާ ނުހަނު ގުޅޭ މިނިވަން ހިޔާލާއި ތަހުޒީބު ފިކުރުގެ ސަބަބުން ޝިވާންގެ ރައްޓެހިންގެ ލިސްޓް ގައުމުން ބޭރަށް މާދުރަށްވެސް ދިގުދެމިގެންގޮސްފައި ވެއެވެ. ފުރާވަރަށް އެރީ ގައުމުން ބޭރުގައި ތައުލީމު ހާސިލު ކުރަން ގޮސް އުޅުނު ދުވަސްވަރު ކަމުން އިންޑިއާ، ލަންކާ އަދި މެލޭޝިއާގައި އޭނާ ދަންނަ ރައްޓެހިން ވަރަށް ގިނައެވެ. ކޮލެޖާއި ޔުނިވަސިޓީގެ އަހަރުތަކުގައި އޭނާގެ ގާތް ރައްޓެހިންނަށް ވަރަށް މަދުން ނޫނީ ދިވެހި ކުދިން ފެނިފައެއްވެސް ނެތެވެ. އޭރުއްސުރެ ރާފިއު އަކީ އޭނާގެ އެންމެ ގާޓް ރަހުމަތްތެރިޔާއެވެ.

ހިޔާލު ކިތަންމެ ތަފާތުވިޔަސް ރާފިއު އާއި ޝިވާންގެ އެކުވެރިކަން ވަރަށްވެސް ރަނގަޅެވެ. ޝިވާންގެ ފިކުރާއި މުޅީން އިދިކޮޅު ރާފިއު ޔޫމީންގެ މަންމަ ޝައިލާ އާއި ކައިވެނި ކުރީ ފްލައިންކޯސް ފެށުމުގެ ދުވަސްކޮޅެއް ކުރިންނެވެ. އެކަކު އަނެކަކު ދަންނަތާ ހަމަ އެންމެ ހައެއްކަ މަސް ފަހުން އެދެމީހުން ކައިވެނި ކުރީ އެކުގައި އުޅުމަށް އެތައް ވައުދުތަކާއި އަހުދެއް ކޮށްގެންނެވެ. އެކަމަކު...

އާހިރު ނަތީޖާއަކަށްވީ ކުޑަކުޑަ ޔޫމީންގެ އުމުރުން އެންމެ ހަތަރު އަހަރުގައި ކައިވެންޏަށް ފަސް އަހަރު ވިތަނާހެން ޝައިލާ ރާފިއު އާ ވަކިވެގެން ދިއުމެވެ. ޕައިލެޓަކަށް ވުމަކީ ރާފިއުގެ ޒަމާންވީ ހުވަފެނަށް ވުމުގެ އިތުރުން އޭނާގެ މައިންބަފައިންވެސް އެދުމެކެވެ. އެހެނަސް ޝައިލާ އަކަށް ރާފިއުގެ މި ވަޒީފާ ގަބޫލެއް ނުކުރެވުނެވެ. ބަހަނާއަކީ އެއީ ކަމަށްވިޔަސް ޝިވާންގެ ހިޔާލު ތަފާތެވެ. ރާފިއު ކަހަލަ ތަނަވަސް އޯގާތެރި ފިރިއެއް ދޫކޮށް ދަރިފުޅު ނިކަމެތި ކޮށް ދޫކޮށްފައި ދާން ޝައިލާ ނިންމީ ބޭނުން ގޮތަކަށް، ހަރުދަނާ ކަމެއް ނެތް އާވާރާ ދިރިއުޅުމަކާއި ރާފިޢު ގަބޫލު ނުވީމައެވެ.

"އޭރުވެސް މަ ބުނީމެއްނު ހަމަ ދިމާވާއިރަށް ނީންނާށޭ. ރާފިޢުއަށް އަޑެއް ނީވުނު. މަގޭ ބަސް ދެންވެސް ގަބޫލު ކުރަންޏާ ޔޫމީއަށް ޓަކައި ވެސް ދެވަނަ މޮޔަކަމެއް ނުކުރާތި." ޝިވާންގެ ނަސޭހަތް މިފަހަރު ރާފިޢު ހިތާއި ނަފުސުން ގަބޫލު ކުރިއެވެ. މުސްތަގުބަލު އޮތީ ކުރިއަށެވެ. ދަރިފުޅަށްޓަކައި...

"ކޮފީ"

ދުން އަރައަރާ ހުރި ކޮފީތަށި ދިއްކޮށްލަމުން ރާފިޢު، ޝިވާނަށް ގޮވާލިއެވެ.

ދަތުރު ނިންމާލުމަށްފަހު އަނެއް ދަތުރާ ދެމެދު އޮތް ހުސް ވަގުތު ކުރުކޮށްލުމަށްވުރެ ކޮފީ ރަހައިން އަރުތެރެ ހޫނުކޮށްލުމަކީ ދެމީހުންގެ ބަދަލު ނުވި ޒަމާންވީ ރަހުމަތްތެރިކަން އާލާ ކުރުވައި މާޒީގެ ހަނދާންތައް އާކޮށްދޭ އުފާވެރި އާދައެކެވެ.

"އައްޑޫގެ މި މަންޒަރުތައް ހާދަ ހިތްގައިމޭ. ބޭރުގެ އެއްވެސް ގައުމަކުން މި ހިތްހަމަޖެހުމެއް ނުލިބޭ." ކޮފީގެ ރަހައަކީ ޝިވާނަށް އެންމެ މީރު އެއް ރަހައެވެ. އެ ވަހާއި އެ ރަހަ އޭނާއަށް ހަމަޖެހުމެއް ގެނެސް ދެއެވެ. ވަރުބަލި ކަމާއި ކަންނެތްކަން ހަނދާން ނައްތާލައެވެ.

"ކޮންމެ މީހަކުވެސް އަމިއްލަ ފަސްގަނޑަށް ކުލުނު ހުންނާނެ. އުފަން ބިން ދެކެ ލޯބި ނުވާނީ ކާކު؟" ރާފިޢު އޭނާގެ އާދައިގެ މަތިން ޝީވާނަށް ހަނދާން ކޮށްދިނީ މިއީ ޝިވާންގެ އަމިއްލަ އަތޮޅާއި ބިންކަމެވެ.

"ބަދަލުވާންވީނު...؟"

"ކާކު؟ އަހަރެން؟ މި އަތޮޅަށް؟ ނުވާނެ ތިކަމެއް." ޝިވާން އޭނާގެ މުށި ކުލައިގެ ރީތި ދެލޯ ބޮޑުކޮށްލިއެވެ.

"އެއްކަލަ ރާފިޢު، އަޅެ މިހާ ދުވަސްވާއިރުވެސް އަދިވެސް އަހަރެން ދަސްނުވޭތޯ؟"

"ކިތަންމެ ވާން އުޅުނަސް ތީ ލަންކާ ނޫނީ މާލެ މީހަކަށް ނުވާނެ. ޝިވާން އަޒްހަރުގެ ފެށުން އޮތީ މިތާނގަ. ފަޚުރުވެރި ވެބަލަ." ރާފިޢު ޖެއްސުމުގެ ރާގެއް އަޑަށް ގެންނަމުން ބުނެލިއެވެ.

"އަސްތާ.. ހަނދާން ނެތިފަ މިހިރީ. ދަރިފުޅަށް ދޭން ކުޑަކުޑަ ހަދިޔާއެއް ގަންނަން ޖެހޭ. ޝީވާނަށް ދެވޭނެތަ؟"

ކުއްލިއަކަށް ރާފިޢުގެ މޫޑު ތަފާތު ވެއްޖެއެވެ. އޭނާގެ މި ޒިންމާދާރު ބައްޕައެއްގެ ސިފަ ފެނިފައި ޝިވާނަށް ނުހީއެއްވެސް ނުހުރެވުނެވެ.

"ތިރީހަކަށް އަހަރުގެ ބޮޑު ބައްޕަ. ދަރިފުޅުގެ ކޮންމެ ކަމަކަށްވެސް މަރުދޭ ލޯބި ޑެޑީ.." ޝިވާން ރަހުމަތްތެރިޔާގެ މި ލޮބުވެތި އަދާއަށް ތައުރީފު ކޮށްލިއެވެ.

ޔޫމީންގެ ކަމެއްގައި އަހަރެން ނުގޮސް ހުންނާހެން ހީވޭތަ. ގަޑިއެއްހާއިރު ބާކީ އޮތީ. ހިތަދޫއަށް ގޮސްފަ އާދެވޭނީ ކިރިޔާ. ކޮންކަހަލަ އެއްޗެއް ގަންނަންވީ؟"

"އަންހެން ދަރިއަކަސް އެމަންޖެއަކަށް ކަމަކު ނުދާނެ ބާބީ ޑޯލް ކަހަލަ ކުޅޭ އެއްޗެއް. ކޮންމެވެސް ކަހަލަ އިލެކްޓްރޯނިކް އެއްޗެއް ކަމުދާނީ.." ރާފިޢުގެ އަޑުގައި ހުރީ ދަރިފުޅަށް ޓަކައި ފަޚުރުވެރި ކަމެވެ.

"އޮހްހޯ...ކުޑަކުޑަ މެކޭނިކް..." ޝިވާނަށް ހީގަނެވުނެވެ. ރާފިޢުގެ ދަރިފުޅަކީ އެންމެ ތުއްތު އިރުއްސުރެވެސް ޝިވާނާއި ދޯޅު ކުއްޖެކެވެ.

"ޓެކްސީއެއްގަ ގޮސްގެން ބޭނުން ހުރިހާ ފިހާރައަކަށް ނުދެވޭނެ.. ވަގުތު ނެތީމަ. މޫސަގެ ސައިކަލް ހޯދަމާ... އޭރުން ކުޑަކޮށް ރަށުތެރޭގައިވެސް ދުއްވައިލެވޭނެ"

ރާފިޢުގެ ހިޔާލަށް ޝިވާން ތާއީދު ކުރިއެވެ. މޫސައަކީ އެދެމީހުންގެވެސް ގާތް ރައްޓެއްސެކެވެ. އެއާޕޯޓްގެ ރެޕެއްގެ ވަޒީފާ އަދާކުރާ ދެބައި އުމުރުގެ މޫސަގެ ނަންބަރަށް ރާފިޢު ވަގުތުން ޑައިލްކޮށްލިއެވެ.

"ނަސީބު ވަރަށް ރަނގަޅު، ޑިއުޓީގަ އެބައުޅޭ" ރާފިޢު ފޯނު ކަނޑާލަމުން އުފާވެފައި ބުނެލިއެވެ.

"ބަރާބަރު އެއްގަޑިއިރު ބާކީ އޮތީ، ހިނގާ އަވަހަށް ދާން.." ރާފިޢު ފޯންގެ ޑިސްޕްލޭއިން ގަޑި ދައްކާލަމުން ޝީވާނަށް ބުނެލިއެވެ.

"ހާސްނުވޭ. ދުއްވަން އިންނާނީ އަޅުގަނޑެއްނު." ޔަގީންކަމާއި އިތުބާރުން ފުރިފައިވާ އަޑަކުން ޝިވާން ބުނެލިއެވެ. އަދި ދެ ރަހުމަތްތެރިން އެއާޕޯޓާ ދިމާއަށް ހިނގައިގަތެވެ.

އައްޑޫ ސިޓީގެ ގަމުގެ ރީތި އެހާމެ ސާފު މަގުތައް މަތިން ފަރިތަކަމާއިއެކު މެދުމިނެއްގެ ދުވެއްޔެގައި ދިޔަ ކަޅު ކުލައެއްގެ ޖީއެން ސައިކަލުގެ މިސްރާބު ހުރީ ސިޓީގެ ވެރިކަން ކުރާ ރަށާ ދިމާލަށެވެ. މަރަދޫ މަގުތައް ނިމި ފަޅު ރަށްތަކުގެ ސިލްސިލާއަށް ފެށެން އޮތް ލިންކްރޯޑަށް އެރުމުގެ ކުރީން ޝިވާން ސައިކަލް މަޑުކޮށްލީ ހެލްމެޓް ހެޔޮވަރު ކޮށްލުމަށެވެ.

"ވަރަށް ފާޑުފާޑުގެ އަޑުތައް އިވެއެއްނު. ޝީވާން ގަބޫލު ކުރަންތަ؟" އުމުރުން ބައްތިރީހަކަށް އަހަރުގެ ރާފިޢުގެ މި ސުވާލަށް ޝިވާން ޗޮކެއް ކަނޑާލިއެވެ.

"ސަމާސާއެއް ނޫނޭ. ބިރުވެރި ކަންތައްތައްވެސް ދިމާވެޔޯ.."

"ސާބަސް، އެއީ ހުސް ފުލޯކު ވާހަކަ، އެކި މީހުން ހަދަހަދައިގެން ކިޔާ ޔޯލަ ވާހަކަތައް. ކޯސް ހަދަން އައިސް އުޅުނުއިރު މި މަގުތަކުން ދަންވަރުވެސް ދުއްވާފަ ހުންނާނީ. ކާރުގަވެސް ސައިކަލްގަވެސް އަދި ބައިސްކަލްގަވެސް ހިތަދޫއަށް ދިޔައިން. އެކަހަލަ އެއްވެސް ކަމަކާ ދިމައެއް ނުވޭ.." ޝިވާން ސައިކަލް ސްޓާޓް ކޮށްލިއެވެ.

"އެހެން ނޫނަސް އެކަހަލަ ބޯދާ ވާހަކައެއް މަގޭ ސިކުނޑިއަކަށް ނުވަންނާނެ. ސައިންސާއި ޓެކްނޮލޮޖީ މިހާ ކުރިއަރާފަ އޮތް ރާއްޖޭގައިވެސް ޖިންނި ހަންޑީގެ ޑިމާންޑް ހާދަ ބޮޑޭދޯ؟"

ޝިވާންގެ އަޑުގައި ހުރީ މަލާމާތުގެ ރާގެކެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. އޭނާ އަކީ ރޫހާނީ އެއްވެސް ވާހަކައެއް ގަބޫލުކުރުން ކީއްކުރަން ހެއްޔެވެ. އެކަހަލަ ވާހަކައެއް އަޑުއެހުމުގެ ޝައުގެއްވެސް ހުންނަ މީހެއް ނޫނެވެ. އޭނާގެ ގަބޫލު ކުރުން ތަފާތެވެ. ވިސްނުމާއި ފިކުރާ ހިޔާލުވެސް ތަފާތެވެ.

ލިންކްރޯޑަށް ވެރިވެފައިވާ ކަޅު އަނދިރިކަން ކަފަމުން ސައިކަލްގެ ހައިބީމަށް އަޅުވާފައި ހުރި ލައިޓްގެ އަލީގައި މަގުތަކަށް ފަރުވާވެ އިނދެ ޝިވާން ފަރިތަކަމާއެކު ދުއްވަމުން ދިޔައީ މާބާރު ނޫން އެހެނަސް ހެޔޮވަރު ސްޕީޑެއްގައެވެ. "މިއީ ރުއްޖެހެރެ. ކޮންމެވެސް ކުއްޖަކު ދަންޖެހިފައި ހުއްޓާ ފެނުނު ރުއްފަޅުގަނޑު އޮންނާނީ މި ދިމާލުން އެތެރޭގައި." ފާހަގަ ކުރެވޭ ތަންތަން ކިޔައިދެމުން ގޮސް ރާފިޢު އަށް ޝިވާން ދެއްކީ ފަޅުރަށް ތަކުގެ ތެރެއިން ތަންކޮޅެއް ރުއްގިނަ ހިސާބެކެވެ.

"ފްލޯކް ވާހަކަ ވަރަށް މީހުން ކިޔާ، މިތަނުން ރަތްލިބާސްލީ ހަންޑިއެއް ފެނެޔޯ، ސައިކަލްތަކުގެ ފަހަތުގައި ވެސް އިށީނދެ ގޯނާ ކުރެޔޯ، މަށަށް ވަރަށް ގަމާރު އެކަހަލަ ވާހަކަތައް، މަގޭ ހިތަށް އަރާ ހަމަ ރަތް ލިބާސްހޭ އެ އެއްޗަށް ލާން އެނގެނީ، އެ ނޫން ކުލައެއް ކަމުނުދަނީ ތޯއްޗެ، އެވެސް ކަސަބު އެޅި ލިބާސް..."

ޝިވާން ބާރަށް ހީނގަންނަމުން ދެއްކި އެވާހަކަ ރާފިޢުއަކަށް ކަމަކު ނުދިޔައެވެ. ހަގީގަތުގައިވެސް އޭނާ އިނީ ބިރުގެންފައެވެ. ޝިވާން އިޝާރާތް ކުރި ދިމާލަށް ދެވަނަ ފަހަރަކު ބަލައިލަންވެސް ނުކެރިފައި އިން ރާފިޢު ތުން ތަޅުވާލީ ކުރުސި ކަހަލަ ހެޔޮ އެއްޗެއް ކިޔޭތޯއެވެ.

"އޭތް....އޭތް..."

ހަމަ ކުއްލިއަކަށް ސައިކަލުގެ ކުރިމައްޗަށް، އައި ނައި ދިމާލެއް ނޭނގި ހުރަސްކޮށްލީ ސާފު ހުދު ކުލައެއްގެ ވަރަށް ރީތި ބުޅަލެކެވެ.

ސައިކަލުގެ ބުރަކި ޖެއްސުނީ އަދި މަޑުކުރެވުނީ ޝިވާންގެ ފަރިތަ ކަމުންނެވެ. އެހެން ނޫންނަމަ ބުޅާ ސަލާމަތް ނުވެ، ސައިކަލްވެސް ކައްސާލީހެވެ. ސިހިގެން ގޮސް ދުއްވައިގަތުމުގެ ބަދަލުގައި މަޑުޖެހިލައިގެން ސީދާ ޝިވާނަށް ބަލަން އޮތް ބުޅަލާ ދިމާލަށް ދިއުމަށް ޓަކައި ސައިކަލްގެ ހަރު ޖެއްސުމަށްފަހު އޭނާ ސައިކަލުން ފޭބީ އޭގެ އަލި ބޭނުންވާތީ ސައިކަލު ނިވައި ނުލައެވެ.

(ނުނިމޭ)