އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކެއްގައި ފަލަސްތީނު 41 މީހަކު ޒަހަމުކޮށްލައިފިއެވެ.
އިސްރާއީލުން ހަމަލާދީ ގިނަ ބަޔަކު ޒަހަމުކޮށްލާފައިވަނީ ގާޒާގެ ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ.
ގާޒާ ބޯޑަރު ކައިރީގައި އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކުގެ ތެރޭގައި 41 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު 13 އަހަރުގެ ފިރިހެން ކުއްޖެއްގެ ބޮލަށް ވަނީ ވަޒަނެއް އަރައި ސީރިއަސް ހާލަތަކަށް ގޮސްފައެވެ.
މަސްޖިދުލް އަގްސާގައި ހުޅުޖެހި ހާދިސާއަށް 52 އަހަރު ފުރުނު ދުވަހާ ދިމާކޮށް ހޮނިހިރުދުވަހު ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާކޮށްފައިވަނީ އިސްރާއީލުން ބަންދުކޮށްފައިވާ ގާޒާގެ ބޮޑުބައެއް ހުޅުވާލުމަށް އަޑު އުފުލުމުގެ ގޮތުންނެވެ.
މި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެގެން ގޮސްފައިވަނީ މުޒާހަރާގެ ބައެއް ބައިވެރިން ފެންސު ހުރަސްކުރުމާއި ގަލާއި ޕެޓްރޯލު ބޮމާއި އަލިފާން ރޯކޮށް ޓަޔަރުތައް އިސްރާއީލު ސިފައިންނާ ދިމާލަށް އަމާޒުކޮށްފައިވާތީ ކަމަށް އިސްރާއީލު ސިފައިން ބުނެއެވެ. މި ހަމަނުޖެހުމުގެ ތެރެއިން ބޯޑަރު ބަލަހައްޓާ އިސްރާއީލުގެ ސިފައިންގެ މީހެއްގެ ގަޔަށް ވަނީ ފަލަސްތީނު މީހަކު ދިން ބަޑީގެ ހަމަލާއެއް އަރައި ސީރިއަސް އަނިޔާތަކެއް ވެފައި ކަމަށްވެސް އިސްރާއީލު ސިފައިން ބުނެއެވެ.
އިސްރާއީލު ސިފައިން ވަނީ ފަލަސްތީނު މީހުންގެ ގަޔަށް ކަރުނަ ގޭސް ޖަހައި ބަޑީގެ ހަމަލާތައްދީ ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ދީފައެވެ.
މި ހަމަނުޖެހުމުގެ ސަބަބުން ހޮނިހިރު ދުވަހުގެ ރޭ އިސްރާއީލުންވަނީ ހަމާސްއަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއްވެސް ދީފައެވެ. ނަމަވެސް މިހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް ހަބަރުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ