ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ އަޕްޑޭޓް އެމްޑަބްލިޔުއެސްސީ އިން ދީފި އެވެ.

އެމްޑަބްލިޔުއެސްސީ އިން މައުލޫމާތުދޭ ގޮތުގައި، މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތްކުރުމުގެ މަސައްކަތްތަކެވެ. ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތިވެސް މިހާރު ވަނީ އެރަށަށް ގެންގޮސްފައި ކަމަށް އެ ކުންފުނީން ބުނެ އެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 6.56 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމު ކުރުމާއި، 1.60 ކިލޯމީޓަރުގެ ޕަންޕިންގް ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގް އިމާރާތްކުރުމާއި، ހަތަރު ޕަންޕިންގް ސްޓޭޝަން އާއި އަދި އެއް ސީ އައުޓް ފޯލް ގާއިމު ކުރުން ހިމެނެއެވެ.

ހަމަ އެހެންމެ، 9.71 ކިލޯ މީޓަރުގެ ފެންހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމާއި، ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ އެންމެހާ މަސައްކަތްތައް ހިމެނެއެވެ.

އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސް.ސީ އާ ހަވާލުކޮށް ކުރިޔަށްގެންދާ 540 ދުވަހުގެ މަޝްރޫއެކެވެ. ޖުމުލަ 80،082،362.13 މިލިޔަން ދިވެހި ރުފިޔާގެ މި މަސައްކަތް ނިމުމުން އެރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.