ކޮވިޑު ކޭސްތައް އިތުރުވެ، ސްރީ ލަންކާ ލޮކްޑައުން ކޮށްފިއެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުކްވެލާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިރޭ 10:00 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް މުޅި ލަންކާ ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށެވެ. ލަންކާ ލޮކްޑައުން ކުރިޔަސް، ޒަރޫރީ ހުރިހާ ހިދުމަތެއް ދެމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ލަންކާ ލޮކްޑައުން ކޮށްފައި މިވަނީ، މިދިޔަ ބުދަ ދުވަހު އެގައުމުން ރެކޯޑު އަދަދަކަށް މީހުން މަރުވެފައި ވަނިކޮށެވެ. އެއީ 187 މީހުންނެވެ. އަދި އެދުވަހު ކޮވިޑު ޖެހިގެން 3،793 މީހުން ރިޕޯޓު ކޮށްފައިވެއެވެ. މިއީ މީގެ މަހެއް ކުރިން ރިޕޯޓްކުރި އަދަދަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

އެކަމާ ގުޅިގެން އެގައުމުގެ ސިއްހީ ހިދުމަތްތެރިންނާއި ސިޔާސީ ފަރާތްތަކުން އަދި ވިޔަފާރިވެރިން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ވަގުތުން ލޮކްޑައުން ކުރަން ގޮވާލައިފައެވެ.

ލަންކާގައި މިހާރުވެސް ވަނީ ސްކޫލުތަކާއި ޖިމްތަކާއި ސްވިމިން ޕޫލްތައް ބަންދުކޮށް، ކައިވެނި ހަފުލާތަކާއި މިއުޒިކް ޝޯތައް ބޭއްވުން މަނާކޮށްފައެވެ. އަދި މިދިޔަ ހޯމަ ދުވަހުން ފެށިގެން އެގައުމުގައި ވަީ ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާންކޮށްފައެވެ.