ތ. ވަންދޫ ކައުންސިލުގެ ނައިބު ރައީސް ހުސައިން އަފީފް ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އަފީފު އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ވަންދުއަށް ޒިޔާރަތްކުރައްވައި، އެރަށުގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ވަންދޫ ކައުންސިލަށް އަފީފް އިންތިހާބުވެ ވަޑައިގަތީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ.

ވަންދޫ ކައުންސިލުގައި ދެން ތިއްބެވީ ހުސް އެމްޑީޕީ މެންބަރުންނެވެ. އެހެންކަމުން އަފީފް އެމްޑީޕީއަށް ސޮއިކުރެއްވުމާއެކު މިހާރު އެ ކައުންސިލަކީ 100 އިންސައްތަ އެމްޑީޕީ ކައުންސިލެކެވެ.

ވަންދޫގެ އަންހެނުންގެ ކޮމިޓީއަކީވެސް ސައްތައިން ސައްތަ އެމްޑީޕީ މެންބަރުން ހިމެނޭ ކޮމިޓީއެކެވެ.