އާބާދީ މަދު ރަށްތަކުގައި ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަމުން އައުމަކީ، މި ސަރުކާރުން އެއްވެސް ރަށެއް އެކަހެރިކޮށް ނުބާއްވާނެކަމުގެ ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ، އެމަނިކުފާނު ތ. އަތޮޅުގެ ހަތް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު އޮމަދުއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އޮމަދޫއަކީ ވޭތުވެދިޔަ ސަރުކާރުތަކުގައި އަޅާނުލައި އެކަހެރިކޮށްލާފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ކަމަށެވެ. އަދި އަސާސީ ގިނަ ހިދުމަތްތަކެއް އޮމަދޫގައި ގާއިމުވެފައި ނެތް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރުގައި އޮމަދުއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދުނީ އެރަށުގައި ބަނދަރެއް އަޅައިދިނުމަށް ކަމަށެވެ. ރައީސް ވިދާޅުވީ، އެކަން ހަގީގަތަކަށް މިއަދު ވެއްޖެ ކަމަށާއި ރަށު ކައުންސިލުން އެދުނުގޮތަށް އިތުރު މަޝްރޫއުތައްވެސް އެރަށުގައި ފައްޓަވާނެ ކަމަށެވެ.

"ރަށުގެ ފެނާއި ނަރުދަމާއާ އަދި ސްކޫލުގެ ތަރައްގީއަށް ކުރާ މަސައްކަތްތައް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރާނަން. އާބާދީ ކިތަންމެ ކުޑަޔަސް އެކަހެރިކޮށް ދޫކޮށްލައިފައެއް ނުބަހައްޓާނަން. އެކަން މިއޮތީ މި ސަރުކާރުން ނިމުމަކަށް ގެނެސްފަ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެރަށުގެ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކޮށް، ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކޮށްފައިވާ ކަމަށެވެ.