ތ. އޮމަދޫން - އަލީ ޔާމީން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ތ . އޮމަދޫ ބަނދަރު ހުޅުވައިދެއްވައިފިއެވެ.

ރައީސް، އޮމަދޫ ބަނދަރު ހުޅުއްވައިދެއްވީ ތ. އަތޮޅުގެ ހަތް ރަށަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް އޮމަދޫއަށް ވަަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ރަތް ދޫލައިގެ ފުރިހަމަ މަރުހަބާއެއް އެމަނިކުފާނަށް ދަންނަވައިފައެވެ. އެމަނިކުފާނުގެ އަރިހުގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެ މިނިސްޓްރީގެ އިސްވެރިންވެސް އޮމަދޫއަށް ވަޑައިގެންނެވިއެވެ.

އޮމަދޫ ބަނދަރު މަޝްރޫއުއަކީ ޖޫން 24، 2019ގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން 25 މީޓަރުގެ ނެރު ފައިކަށްޓަކާއި 282 މީޓަރުގެ ސޭންޑް-ފިލް ބްރޭކް ވޯޓާއެއް ހަދާފައިވާ އިރު، 388 މީޓަރުގެ އެއްގަމު ތޮއްޓަކާއި 123 މީޓަރުގެ ރިވެޓްމަންޓް ޖަހާފައިވެއެވެ.

އަދި ދެ ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކޮށް، ބަނދަރާއި ބަނދަރަށް ވަންނަ ނެރު ފުންކޮށްފައިވާ އިރު، ދޯނި އެހެލާ ސަރަހައްދަކާއި ދިހަ މީޓަރުގެ ރޭމްޕެއް ހަދާފައިވެއެވެ.