ކޮޅުމަޑުލުގެ ހަތް ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކިނބިދުއަށް މިއަދު ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކިނބިދުއަށް ވަޑައިގެންނެވީ މިއަދު ހެނދުނު 10:45 ހާއިރުއެވެ. އެމަނިކުފާނު ކިނބިދުއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އިސްތިގުބާލުގައި ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

ބޮޑުބެރާއެކު ކިނބިދޫން ރައީސަށް ވަނީ ރަތް ދޫލައިގެ ފުރިހަމަ މަރުހަބާއެއް ކިޔާފައެވެ.

ކިނބިދުއަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ސްކޫލުގެ ބޭފުޅުންނާއި ހެލްތު ސެންޓަރުގެ ބޭފުންނާއި މަޝްވަރާ ކުރައްވާނެއެވެ.

ކިނބިދުއަށް ފަހު ރައީސް ދެން ވަޑައިގަތުމަށް ހަމަޖައްސާފައިވަނީ އޮމަދުއަށެވެ. އޮމަދުއަށް ވަޑައިގެން އެރަށުގެ ބަނދަރު ރައީސް ހުޅުވައިދެއްވާނެއެވެ.