މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ހަ ދައުވާގެ އަޑުއެހުން މިއަދުވެސް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިއްޖެ އެވެ.

އެ މައްސަލަތަކުގައި އެންމެ ފަހުން ތާވަލު ކުރި ތިން އަޑުއެހުން ވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެންމެ ފަހުން މޭ މަހުގެ 26ގައި ތާވަލުކުރި އަޑުއެހުން ކުރިއަށް ނުގެންދެވުނީ ގާޒީ ކަރަންޓީނުގައި ހުންނެވުމުންނެވެ. އޭގެ ކުރިން ފެބުރުއަރީ މަހުގެ 25 ގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުން ފެށުމަށް ފަހު ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނީ، ކޯޓުން ނިހާނަށް ހަވާލުކުރަން ޖެހޭ ލިޔުންތަކެއް ހަވާލުކުރެވިފައި ނެތުމުންނެވެ. އަދި ޖުލައި މަހުގެ 13 ވަނަ ދުވަހުގެ އަޑުއެހުން ކެންސަލް ކުރީ ދިފާއީ ވަކީލުން އެދިވަޑައިގަތުމުންނެވެ.

އެ މައްސަލައިގައި މިއަދު އޮތީ ނިހާނުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާ އިއްވުމެވެ. ފަހަރަކު ދައުވާއެއް އިއްވަމުން އެ ދައުވާއަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް ނިންމައިގެން ގާޒީ އަލީ އާދަމް ފެއްޓެވި ނަމަވެސް ދިފާއުން ވަނީ ނުކުތާއެއް ފާހަގަކޮށް އެކަން ސާފު ވުމުން ނޫނީ މައްސަލަ ކުރިއަށް ގެންދިއުމަށް އިއުތިރާޒު ކުރާކަން ފާހަގަކޮށްފަ އެވެ.

އެގޮތުން ނިހާނުގެ ވަކީލު ހުސްނީ މުބާރިކް ވިދާޅުވީ، މައްސަލައިގެ ލިޔެކިޔުންތަކުގެ ގޮތުގައި ލިބިފައިވާ ބައެއް ލިޔުންތައް ސާފު ނޫން ކަމަށާއި ދައުވާއިން ދިފާއު ވުމަށް އެ ލިޔުންތައް ސާފު ވާން ޖެހޭ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ލިޔުންތަކުގެ ހާޑް ކޮޕީ ސާފު ނުވާ ކަމަށް ބުނެ ސިޓީ ފޮނުވުމުން އޭގެ ސޮފްޓް ކޮޕީ، ސީޑީއަކަށް އެޅުމަށްފަހު ފޮނުވާފައި ވާނެ ކަމަށެވެ. އަދި އެއަށްފަހު ދިފާއުން އެ ލިޔުންތައް ސާފު ނުވާ ކަމަށް ބުނެ އަންގާފައި ނުވާ ކަން ދައުލަތުން ފާހަގަކުރި އެވެ.

އެކަމަށް ރައްދު ދެއްވައި ހުސްނީ މުބާރިކް ވިދާޅުވީ، ހާޑް ކޮޕީ ވެސް ސްފޮޓް ކޮޕީ ވެސް ސާފު ނުވާ ކަމަށާއި އެހެން ކަމުން، ދިފާއުން އެދެނީ ވަކީލުން ކޯޓަށް ހާޒިރު ކޮށްގެން މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށެވެ.

އެކަމަށް ދައުލަތުން ވެސް އިއުތިރާޒު ކޮށްފައި ނުވާތީ ގާޒީ އަލީ އާދަމް ނިންމެވީ އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމަކަށް ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުން ހާޒިރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

ކޮވިޑު ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއި އެކު ކްރިމިނަލް ކޯޓުގެ ގިނަ އަޑުއެހުންތަކެއް އަދިވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެއީ ދިފާއީ ވަކީލުން ވަކި ތަނެއްގައި އަދި ދައުލަތުގެ ވަކީލުން ވަކި ތަނެއްގައި ތިބެގެންނެވެ. މައްސަލަ ރައްދުވާ ފަރާތް ބައެއް ފަހަރު ކޯޓަށް ހާޒިރު ކުރެ އެވެ.

އެގޮތުން މިއަދުގެ އަޑުއެހުމަށް ނިހާން ވަނީ ކޯޓަށް ހާޒިރުވެވަޑައިގެންފަ އެވެ.

ދައުވާ އުފުލުމަށްފަހު އެ މައްސަލަތަކުގައި މިހާތަނަށް ބޭއްވިފައިވަނީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން އެދުމުން ގާޒީ އަލީ އާދަމް ވަނީ، ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފަ އެވެ.

ނިހާންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށް ހޯދައިފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.