ހަމަހަށްފަހު ނިއުޒީލެންޑުން ފެނުނު ފުރަތަމަ ކޮވިޑް ކޭހާއެކު ފުރަބަންދު ކޮށްފިއެވެ.

ދިގު މެދުކެނޑުމަކަށްފަހު އެގައުމުން ފެނިފައިވާ ކޮވިޑް ކޭސް ގުޅެނީ އޮސްޓްރޭލިއާގައި މިދުވަސްވަރު ހަލުވިކަމާއެކު ފެތުރަމުންދާ ޑެެލްޓާ ވޭރިއަންޓާ ކަމަށާއި އަދި އެގައުމު ފުރަބަންދުކުރަން ނިންމާފައިވާ ކަމަށް ބޮޑުވަޒީރު ޖަސިންދާ އާޑެން ވަނީ ވިދާޅުވެފައެވެ.

އޯކްލޭންޑުގައި ދިރިއުޅެމުން އަންނަ 58 އަހަރުގެ ފިރިހެނަކަށް ކޮވިޑް ޖެހިފައިވާތީ އެ ސިޓީ އެއް ހަފުތާއަށް ފުރަބަންދުކޮށް، މުޅި ގައުމު 3 ދުވަހަށް ފުރަބަންދު ކުރުމަށް ވަނީ ނިންމާފައެވެ. ކޮވިޑު ޖެހުނު މީހާ ފާއިތުވި ހަފުތާގައި ދަތުރުކޮށްފައިވާ ކޮރަމަންޑަލް ޓައުންވެސް ވަނީ 7 ދުވަހަށް ފުރަބަންދު ކޮށްފައެވެ.

ބޮޑުވަޒީރު ވިދާޅުވީ މި ކޭހާ ގުޅިގެން، ޒަރޫރީ ހިދުމަތްދޭ ތަންތަން ފިޔަވައި ސްކޫލުތަކާއި އޮފީސްތައް އަދި ހިދުމަތްދޭ އެހެނިހެން ތަންތަން ބަންދު ކުރެވޭނެ އެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ހޯމަދުވަހު އާއްމުކުރި ހިސާބުތަކަށް ބަލާއިރު ބޯޑަރު ސަރަހައްދުން ފާއިތުވި ހަފުތާތަކުގެ ތެރޭގައި ފެނިފައިވާ ހުރިހާ ކޮވިޑް ކޭސްތަކެއްވެސް ގުޅެނީ ޑެލްޓާ ވޭރިއަންޓާއެވެ.

ނިއުޒީލޭންޑުން ވަނީ އަވަސް ރައްކާތެރި ފިޔަވަޅު އަޅައިގެން މީގެކުރިން ކޮވިޑް ކޮންޓްރޯލުކުރުމުގައި ކާމިޔާބު ހޯދައިފައެވެ. ނަމަވެސް ވެކްސިން ފުރިހަމަ ކުރުމުގައި އެގައުމު ހިމެނެނީ ފަހަތުގައެވެ. އެގައުމުގައި ވެކްސިން ޖަހާފައިވަނީ އާބާދީގެ 20 ޕަސެންޓު ކަމަށްވާއިރު އެއް ޑޯޒު ޖަހާފައިވާ މީހުންގެ އަދަދަކީ 33 ޕަސެންޓެވެ.