މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ރިލްވާންގެ އާއިލާއިން ބުނެފިއެވެ.
ރިލްވާންގެ އާއިލާއިން މިގޮތަށް ބުނެފައި މިވަނީ ސަންގު ޓީވީގެ "ހަބަރަށް ފަހު" ޕްރޮގްރާމުގައި ރިލްވާނާ ގުޅުވައިގެން އުމަރު ނަސީރު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އެ ޕްރޮގްރާމުގައި އުމަރު ވިދާޅުވީ ރިލްވާން ރިޕޯޓަރަކަށް ވުމުގެ ކުރީގައި ރާއްޖޭގައި ހަރުކަށި ފިކުރު ކަމަށް ގަބޫލު ކުރެވޭ "ޑޮޓް" ޖަމިއްޔާގައި މަސައްކަތް ކުރި ކަމަށެވެ. އަދި ޑޮޓް ޖަމިއްޔާގައި ތުނބުޅި ދިގުކޮށްގެން ބޮލުގައި ފޮށާ އޮޅައިގެން ރިލްވާން އުޅުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިހެން އުޅެފަ ރިލްވާން އެމީހުންގެ ތެރެއިން ވަކިވެގެން ދެން ދިޔައީ މިނިވަން ނޫހަށް. ގޮސްފައި ސެކިއުލާ ވިސްނުމުގައި އެ މީހުންނާ ދިމާކޮށްފައި ވާހަކަ ދައްކާ ހަދަން ފެށީ. އޭގެ ސަބަބުން އެ ދެބައި ދޭތެރޭގައި ކޯޅުމެއް އައީ،" އުމަރު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ރިލްވާން ގެއްލުވާލުމަށްފަހު އުމަރު ދަނީ އޭނާއާ ގުޅޭ ގޮތުން ދޮގު ވާހަކަތަކެއް ފަތުރަމުން ކަމަށެވެ. އަދި އެކަމާ ގުޅިގެން އުމަރާ ދެކޮޅަށް ދައުވާ ކުރުމަށް ގާނޫނީ އެހީތެރިކަން ހޯދަމުންދާ ކަމަށްވެސް ބުންޏެވެ.
އޭނާ ބުނީ ކުޑަ ދުވަސްކޮޅެއް ވަންދެން ރިލްވާން ހަރުކަށި ފިކުރުގެ ގްރޫޕަކާ ގުޅުން އޮތް ކަމަށާއި ނަމަވެސް އުމަރު ބުނެފައިވާ ގޮތަށް ރިލްވާން އުޅެފައި ނުވާ ކަމަށެވެ. އަދި އެމީހުންގެ ވިސްނުން ހުރިގޮތް އެނގުމުން ރިލްވާން އެ ގްރޫޕް ދޫކޮށްދިޔަ ކަމަށްވެސް ޝެހެނާޒް ބުންޏެވެ.
ރިލްވާންގެ މައްސަލައާ ގުޅޭގޮތުން މަރުތައް ބަލާ ކޮމިޝަނުން މީގެ ކުރިން އާންމު ކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުން އޭނާ ހުޅުމާލެއިން ގަދަކަމުން ކާރަކަށް އަރުވައިގެން ޑިންގީއަކަށް އެރުވިއެވެ. އެއަށް ފަހު ދޯންޏަކަށް އަރުވައި ދަލެއްގައި އޮޅާލުމަށް ފަހު ޝަހާދަތް ކިޔުވައި ކަރު ބުރިކޮށްލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު