ކާބުލް އިން ގިނަ އަދަދެއްގެ އާއްމުން ފައިބާތީ އެއާޕޯޓަށް ދިއުން ތާލިބާނުން ހުއްޓުވައިފިއެވެ.

ތާލިބާނުން ވަނީ އާއްމުންނަށް ނުދެވޭނެހެން އެއާޕޯޓަށް ދާ މަގުތައް ބަންދުކޮށް އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖަހާފައެވެ.

އަފްގާނުގެ ވެރި ރަށް ހިފުމާއި ގައުމުގެ ރައީސް އަޝްރަފް ގަނީ ގައުމު ދޫކުރައްވައި ވަޑައިގަތުމުން، ތާލިބާނުން ވަނީ އަފްގާނުގައި ހިންގަމުން އައި ހަނގުރާމަ ނިމުނުކަން އިއުލާނު ކޮށްފައެވެ.

ތާލިބާނުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މަގުތައް މައްޗަށް ނުކުމެފައިވާއިރު ގިނަ އަދަދެއްގެ އާއްމުން ވަނީ ގައުމު ދޫކޮށް ދިއުމަށް އެއާޕޯޓަށް މިސްރާބު ޖަހާފައެވެ.

ކާބުލް އިން ނައްޓާލަން އުޅުނު އެމެރިކާގެ ފްލައިޓެއްގެ ފަހަތުން މީހުންތައް ދުވެ، ގައުމުން ބޭރުވުމަށް އެއްބަޔަކު އެ ފުލައިޓުގައި އެލިގަނެގެން އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އިއްޔެ ވަނީ އާއްމުވެފައެވެ. ނުތަނަވަސްކަމާއި ހާސްކަން އިތުރުވެފައިވާ އާއްމުން ފެނިގެންދާއިރު ހަތް މީހަކު ވަނީ މި ހާދިސާގައި މަރުވެސް ވެފައެވެ.

އާއްމުން ގައުމުން ބޭރުވުން މަނާކޮށް އެއާޕޯޓަށް ދާ މަގުތައް ތާލިބާނުން ބަންދުކޮށްފައިވާ ކަމަށާއި ވަޔަށް ބަޑިޖަހައި އިންޒާރު ދެމުން އަންނަކަމުގައި ހަބަރުތައް ބުނެއެވެ.

ތާލިބާނުން އިއްޔެ ފްލައިޓުތައް މެދުކަނޑާލާފައި އޮތުމަށްފަހު ފަހުން ވަނީ ފްލައިޓުތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައެވެ.

އެމެރިކާއިން އަންނަނީ އަފްގާނުގައި ތިބި އެމެރިކާގެ ރައްޔިތުން އެގައުމުން ބޭރުކުރުމަށް ފްލައިޓުތައް ފޮނުވައިގެން މަސައްކަތްކުރަމުންނެވެ. ޖަރުމަނުގެ ރައްޔިތުން އަފްގާނުން ބޭރުކުރުމަށް ޖަރުމަނުގެ އަސްކަރީ ފްލައިޓެއް ގޮސްފައިވާ ކަމަށް ވެސް މީޑިއާތައް ބުނެއެވެ. މީގެ އިތުރުން ބެލްޖިއަމް އިންންވެސް ވަރަށް އަވަހަށް އެގައުމުގެ ރައްޔިތުން އަފްގާނުން ބޭލުމަށް ފްލައިޓެއް ފޮނުވާނެ ކަމުގައި ވަނީ ބުނެފައެވެ.

ތާލިބާނުން އަފްގާނު ހިފާފައިވާއިރު، އެމެރިކާއިން ބުނެފައިވަނީ އަފްގާނުގެ ކުރިމަގަށް ތާލިބާނާއެކު މަސައްކަތް ކުރާނީ ތާލިބާނުގެ އަމަލުތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން އަންހެނުންނަށާއި ކުޑަކުދިންނަށް ދޭންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި ނިރުބަވެރިންނަށް ފުރުސަތު ނުދޭ ނަމަ، އަފްގާނުގައި މިހާރު އޮތް ތާލިބާނު ސަރުކާރު ބަލައިގަނެވިދާނެކަމުގައި ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވަނީ ވިދާޅުވެފައެވެ.