މަގުމަތިވި ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުން މޯލްޑިވްސް އިމިގްރޭޝަނުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމަށް ޝުކުރު އަދާކޮށްފިއެވެ.

އޮޅުވާލައިގެން ސައްހަ ނޫން ހޮޓެލް ބުކިންތަކެއް ދިނުމުގެ ސަބަބުން މާލޭގައި ރޭ ވަނީ 27 ފަތުރުވެރިޔަކު މަގުމަތިވެފައެވެ.

އެ މައްސަލައިގެ މައުލޫމާތު ލިބުމާ ގުޅިގެން މަހުލޫފު ވަނީ އެ ފަތުރުވެރިންނަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިން ވަގުތީ ހިޔާވަހިކަން ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެނުންނާއި ކުޑަކުދިން ހިމެނޭ އެ ފަތުރުވެރިންގެ ގްރޫޕަށް އިމިގްރޭޝަނާއި ފުލުހުންނާއި ރެޑް ކްރެސެންޓް އަދި ހެޔޮއެދޭ ފަރާތްތައް ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އެކަމުގައި މުހިންމު އެހީތެރިކަމެއް ދެއްވި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ ދެކަނބަލުންނަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ރޭ މެންދަމު 2:00 ހާއިރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ވެސް ހަނަފީ ފާހަގަކުރެއްވިއެވެ.

މަންޒަރު ދުށް މީހަކު ރޭ "ވަން" އަށް ބުނިގޮތުގައި އެމީހުންނަކީ މަގުމަތިވި ފަތުރުވެރިންނަކީ ޕާކިސްތާނުން ރާއްޖެ އައި ބައެކެވެ. އަދި އެމީހުން އައީ ހޮޓަލަކަށް ފައިސާ ދައްކާފައި ކަމަށާއި ނަމަވެސް ރާއްޖެ އައުމުން އެމީހުންނާ ހަވާލުވި އެޖެންޓު އެމީހުން އެތަނަށް ބޭލުމަށް ފަހު ވަންނާނެ ތަނެއް ނުދައްކައި ފިލީ ކަމަށް އޭނާ ބުންޏެވެ.