ރާއްޖެ އައި 27 ފަތުރުވެރިޔަކު މަގުމަތިވި މައްސަލައިގައި ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އޮޅުވާލައިގެން ސައްހަ ނޫން ހޮޓެލް ބުކިންތަކެއް ދިނުމުގެ ސަބަބުން މާލޭގައި ރޭ ވަނީ 27 ފަތުރުވެރިޔަކު މަގުމަތިވެފައެވެ. އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައުމާ ގުޅިގެން ރޭ ވަނީ އެ ފަތުރުވެރިން ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްއަށް ގެންގޮސްފައެވެ.
އެ މައްސަލައާ ގުޅޭގޮތުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ރޭ މެންދަމު 2:00 ހާއިރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަންހެނުންނާއި ކުޑަކުދިން ހިމެނޭ އެ ފަތުރުވެރިންގެ ގްރޫޕަށް އިމިގްރޭޝަނާއި ފުލުހުންނާއި ރެޑް ކްރެސެންޓް އަދި ހެޔޮއެދޭ ފަރާތްތައް ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އެކަމުގައި މުހިންމު އެހީތެރިކަމެއް ދެއްވި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ ދެކަނބަލުންނަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ވެސް ހަނަފީ ވިދާޅުވިއެވެ.
މަންޒަރު ދުށް މީހަކު ރޭ "ވަން" އަށް ބުނިގޮތުގައި އެމީހުންނަކީ މަގުމަތިވި ފަތުރުވެރިންނަކީ ޕާކިސްތާނުން ރާއްޖެ އައި ބައެކެވެ. އަދި އެމީހުން އައީ ހޮޓަލަކަށް ފައިސާ ދައްކާފައި ކަމަށާއި ނަމަވެސް ރާއްޖެ އައުމުން އެމީހުންނާ ހަވާލުވި އެޖެންޓު އެމީހުން އެތަނަށް ބޭލުމަށް ފަހު ވަންނާނެ ތަނެއް ނުދައްކައި ފިލީ ކަމަށް އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު