ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމުތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ވަޑައިގެން ދުވަސްކޮޅަކު ހުންނެވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

އިނގިރޭސިވިލާތުގައި ޝާހިދު ބައްދަލުކުރައްވާ ފޮޓޯއެއް އާންމުކުރައްވަމުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ބޮމުގެ ހަމަލާއަށްފަހު ރާއްޖޭގެ ވަޒީރަކާ ބައްދަލުވި ފުރަތަމަ ފަހަރު ކަމަށެވެ.

"އަޅުގަނޑުގެ ރަހުމަތްތެރި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި ޔޫއެންޖީއޭގެ ރައީސްއާ ބައްދަލުވުމުން ވަރަށް އުފާވި. މިއީ އަޅުގަނޑަށް ދެވުނު ބޮމުގެ ހަމަލާއަށް ފަހު ރާއްޖޭގެ ވަޒީރަކާ ބައްދަލުވި ފުރަތަމަ ފަހަރު،" ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވިއެވެ.

މިއަދު ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ދިން ހަމަލާ ރާވައި ހިންގި ފަރާތްތައް ހައްޔަރު ނުކުރެވެނީސް ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ޗުއްޓީ އިތުރުކޮށްދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފައެވެ. އެއީ، އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، އަލީ ހައިޝަމެވެ.

އެ ހަތަރު މީހުންގެ އިތުރުން ދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީއާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ.

އެ ހަމަލާއާ ގުޅިގެން ކުރީގެ ޕޮލިސް އިންޓެލް އަހްމަދު ފާތިހު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ފާތިހުގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތުމުން ދައުވާ ނުކުރަން ޕީޖީން ނިންމުމުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.